police 76

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ހިންގި ތިން އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެ އޮޕަރޭޝަން ތަކުގައި ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިނެއްގެ އިތުރުން 39 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންނަކީވެސް ދިވެހިންނެވެ.

އެ ތިން މީހުންގެ ތެރެއިން 23 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ގދ. ވާދުއަށް ޑިންގީއެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މެއި މަހުގެ 10 ވަނަ ދުވަހުއެވެ. އެ އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް އެ ޑިންގީ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

31 އަހަރުގެ މީހާއާއި 39 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ނ. ކެނދިކުޅުދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 9 ވަނަ ދުވަހުގެ ރެއެވެ. އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ކަރުދާސްކޮޅު ފެނިފައިވެއެވެ.

އޭގެ އިތުރުން، އައްޑޫސިޓި ގަން ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްޑޫސިޓީ ފޭދޫގެ ފަޅު ގެއެއްގެ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

 
police 75

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ، ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނާއި، ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނާއި، ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި ހދ. ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުގެ އިތުރުން ނ. ލަންދޫ ޕޮލިސް ސްޓޭޝަނާއި މަނަދޫ ޕޮލިސް ސްޓޭޝަނާއި، ށ. މިލަންދޫ ޕޮލިސް ސްޓޭޝަނާއި، ގއ. ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންތަކެއްގައި ބަނގުރާއާއެކު ހަތަރު މީހަކު އަދި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

އެ ރަށްރަށުގައި ވަކިވަކީން ހިންގި އެ އޮޕަރޭޝަންތަކުގެ ތެރެއިން ކ. ހިންމަފުށީގައި ހިންގި އޮޕަރޭޝަނަކީ އެ ރަށު ގެއެއްގައި ހަތަރު މީހަކު ބަނގުރާ ބޯން ތިބިކަމަށް ހިންމަފުށި ޕޮލިސް ސްޓޭޝަނަށް މައުލޫމާތު ލިބުމާ ގުޅިގެން ރޭ ދަންވަރު ހިންގި އޮޕަރޭޝަނެކެވެ. ރޭ 02:10 ހާއިރު ހިންގި އެ އޮޕަރޭޝަނުގައި ހަތް ފުޅި ބަނގުރާއާއެކު 21 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެއްގެ އިތުރުން 29 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވެއެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހިންނެވެ.

ލ. ފޮނަދޫގައި ހިންގި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މެއި މަހުގެ 8 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށު އެސްޓީއޯ ފިހާރަ ގުދަން ހުންނަ ސަރަހައްދު މަގުމަތި ބަލަައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އޭގެ އިތުުރން، ގއ. ކަނޑުހުޅުދޫގައި ދުއްވާ ފެރީއެއްގައި ގޮތްނޭނގޭ ފޮށިގަނޑެއް ހުރިކަމަށް މި މެއި މަހުގެ 8 ވަނަ ދުވަހު ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ގޮސް ފޮށިގަނޑު ކަނޑައިބެލިއިރު އެ ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

ތ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވެއެވެ. އެނާ ހައްޔަރު ކޮށްފައިވަނީ އޭނާގެ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އޭނާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނުމާ ގުޅިގެން މި މެއި މަހުގެ 7 ވަނަ ދުވަހުއެވެ.

އޭގެ އިތުރުން، މާލެއިން ފުރައިގެން ހދ. ނޭކުރެންދުއަށް ދަތުރުކުރި ބޯޓެއްގައި މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ އަތުގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެން މި  މެއި މަހުގެ 7 ވަނަ ދުވަހު ނޭކުރެންދޫ ބަނދަރު މަތިންނެވެ.

އަދި ނ. ޅޮހީގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ޅޮހީ ކުނިގޮނޑު ސަރަހައްދުން މި މެއި މަހުގެ 7 ވަނަ ދުވަހު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި ދެ ރަބަރު ޕެކެޓު ހޯދާފައިވެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރު ކޮށްފައވަނީ އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު ފެނުމާ ގުޅިގެން މި މެއި މަހުގެ 6 ވަނަ ދުވަހުއެވެ.

އަދި ނ. ލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި މެއި މަހުގެ 6 ވަނަ ދުވަހު ކެނދިކުޅުދޫ ދޯންޏެއްގައި ހުރި ފޮށިގަނޑަކުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ހޯދާފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

 
Shareef Sir

ފެބުރުވަރީ 13 ގައި ދީފައިވާ ހުރިހާ ފާސްތަކެއް މިހާރުވާނީ ކެންސަލް ކޮށްފައި ކަމަށާއި މިހާރު ބޭނުން ކުރެވޭނީ އޭރު ދީފައިހުރި ޑެލިވަރީ ފާސްތައް އެކަނި ކަމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އެހެން ވިދާޅުވީ ހެލްތު އިމަރޖެންސީ އޮަޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ. ޢަބްދުﷲ ޝަރީފް އިތުރަށް ވިދާޅުވީ، ޑެލިވަރީ ކުރުމުގެ ހުއްދަ ކެފޭ ރެސްޓޯރަންޓް ތަކަށް މެންދަމު 3:00 އާ ހަމައަށް ލިބިގެންދާނެކަމުގައެވެ. އަދި ފިހާރަތަކުން ޑެލިވަރީ ކުރުމުގެ ހުއްދައަށް ޕޯޓަލް މެދުވެރިކޮށް އެދުމުން ރޭގަނޑު 12:00 އާ ހަމައަށް ޑެލިވަރީ ކުރުމުގެ ހުއްދަ ލިބިގެންދާނެކަމުގައެވެ. އަދި ގޭހާއި ފެން ޑެލިވަރީ ކުރުމުގެ ހުއްދަވެސް ހަމަޖެހިފައިވާ ވަކި ގަޑިތަކެއް ވަންދެން ލިބިގެންދާނެ ކަމަށާއި ޓެކްސީ ސެންޓަރުތަކަށްވެސް ވަކި އަދަދަކަށް ހުއްދަ ދީފައިވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ޓެކްސީއަށް އަރާ މީހާއަކީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ލިބިގެން ޓެކްސީއަށް އަރާ މީހެއްތޯ ބަލައިދިނުމަކީ އެ ޓެކްސީއެއްގެ ޒިންމާއަކަށް ހަދައިދިނުމަށް އެދިލެއްވިއެވެ. އަދި ދަމުނަމާދަށް މިސްކިތަށްދާނަމަ ފައިމަގުގައި ދިއުމަށް އިލްތިމާސްކުރެއްވިއެވެ.

އޭގެ އިތުރުން، ފެރީގެ ހިދުމަތާއި ބަސް ދަތުރުތަކުގެ ހިދުމަތްވެސް ބަދަލުކޮށްފައިވާ ކަމަށާއި އެ ބަދަލުތަކާ އެއްގޮތަށް އާންމު ރައްޔިތުން އަމަލުކުރުމަށް އިލްތިމާސްކުރެވިއެވެ. އަދި ބަސް ދަތުރުގެ އެންމެ ފަހު ދަތުރު މިހާރު އޮންނާނީ ރޭގަނޑު 9:00 އާ ހަމައަށް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން އޮފީސްތަކުގެ މަސައްކަތްތަކާއި އެހެނިހެން ކަންކަން ހަމަޖެއްސުމުގައިވެސް 9:00 އާ ހަމައަށް މަސައްކަތްތައް ނިމޭނެގޮތަށް މަސައްކަތްތައް ބައްޓަން ކުރުމަށް އެދިލެއްވިއެވެ.

އަދިވެސް އޭގެ އިތުރުން، ޕާކުތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ޖިމްތައްވެސް ބަންދުވާނެ ކަމަށާއި، މަގުމައްޗަށް ނިކުމެވޭ ގަޑިތަކުގައި ގިނަ އަދަދެއްގެ މީހުން އެއްތަނަކަށް ޖަމާވާ މަންޒަރު ފެންނަމުންދާ ކަމަށާއި ގިނަ އަދަދަކަށް ކުޑަކުދިންވެސް މަގުމައްޗަށް ނެރޭ މަންޒަރު ފެންނަ ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ކުޑަކުދިން މަގުމައްޗަށްނެރެ މީހުން ގިނަވާ ތަންތަނުގައި އެ ކުދިން ނުގެންގުޅުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރެއްވިއެވެ. އަދި މާރުކޭޓާއި ބާޒާރުމަތީގައިވެސް ގައިދުރު ކަމެއްނެތި މާސްކުނާޅައި ބިދޭސީންނާއި ދިވެހިންވެސް އުޅެމުންދާ ކަމަށާއި އެހެންކަމުން އެކަން އެގޮތަށް ނުކުރުމަށްވެސް އިލްތިމާސްކުރެއްވިއެވެ.

އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތައް ތަންފީޒުކުރުމަށްޓަކައި، ފުލުހުންގެ އިދާރީ މަސައްކަތްތައް ވަކިގޮތަކަށް ބަދަލުކޮށްފައިވާ ކަމަށާއި، ހާއްސަކޮށް މާލެ ސަހަރައްދުގައި ވީހާވެސް ގިނަ ފުލުުހުން މަގުމައްޗަށް ނެރެގެން މަސައްކަތް ކުރަމުންދާ ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމުން ސަލާމަތްވެ ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމުގައި ފާހަގަ ކުރެއްވިއެވެ.

 
11

މަސްތުވާތަކެެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 3.4 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ ޔޫކޭ ފިރިހެނަކާއި، 43 އަހަރުގެ ތައިލެންޑްގެ މީހެކެވެ. މި ދެ މީހުން ހައްޔަރު ކޮށްފައިވަނީ ހުސްވި އެޕްރީލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން 30 އަހަރުގެ މީހާގެ ފޮށިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިވެއެވެ. އެގޮތުން 43 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި 30 އަހަރުގެ މީހާއަށް ދެ މަސްދުވަހުގެ މުއްދަތު ދީފައިވެއެވެ. އެ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވެފައެވެ. ފުލުހުންގެ ދަށުގައި ހުއްޓައި އެމީހާ އަމިއްލައަށް މަރުވި މައްސަލަ ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެންދަނީ ތަހުގީގު ކުރަމުންނެވެ

މަސްތުވާތަކެތީގެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

 
MPS2253

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

އެޕްރީލް 28 ވަނަ ދުވަހު ބޮޑުރަސްގެފާނު މަގު ކައިލާން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކުލަފާޓާއެއް. އިންސިޑެންޓް ނަންބަރު 485722

މެއި 2 ވަނަ ދުވަހު ވިލިމާލެ ފެރީ ޓާމިނަލް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ފައިވާން. އިންސިޑެންޓް ނަންބަރު 486038

މެއި 3 ވަނަ ދުވަހު ސޯސަންމަގު ސިޓީ ބޭކަރީ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 1700 ރުފިޔާ. އިންސިޑެންޓް ނަންބަރު 486162

މެއި 3 ވަނަ ދުވަހު ރަށްދެބައި މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގަޑިއެއް. އިންސިޑެންޓް ނަންބަރު 486105

މެއި 3 ވަނަ ދުވަހު ދޮންއަނދަރާދަ ހިނގުން އެންޒީ ބޭކަރީ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އުވަދޯންޏެއް. އިންސިޑެންޓް ނަންބަރު 486161

މެއި 3 ވަނަ ދުވަހު ނީލަންފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޮންސްޓްރަކްޝަން ބިޑި ގޯންޏަކާ 1 ރެންޗު. އިންސިޑެންޓް ނަންބަރު 486139

މެއި 4 ވަނަ ދުވަހު ނީލަންފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1 ރެންޗު، 1 ޓެސްޓަރ، 1 ޕްލަސް ކަށިގަނޑު، 6 ބުރުމާކަށި، 1 ވަޑާންކަށި، 1 ގްރޭންޑަރ ބުރު، 1 އަބު، 1 ސޮކެޓު. އިންސިޑެންޓް ނަންބަރު 486193

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

 
police-27

މަސްތުވާތަކެއްޗާ ދެކޮަޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެެއިން، ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި، ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި ދެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފިއެވެ.

ވަކި ވަކީން ހިންގި މި ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މަނަދޫ ރަށުތެރެ ޕެޓްރޯލްކޮށް ބަލަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 32 ކަރުދާސްކޮޅު އޭނާގެ އަތުން ފެނުމާ ގުޅިގެންނެވެ.

އޭގެ އިތުރުން މާލެއިން ފުރައިގެން ތިމަރަފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ހޯދާފައިވެއެވެ. އެތަކެތި ހޯދާފައިވަނީ ތިމަރަފުއްޓަށް އެ ބޯޓުން ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރުމަށްފަހު އޭގެ ތެރެއިންނެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

 

viber_image_2021-05-04_12-33-07

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ޓްރާންސްޕޯޓް ސަރވިސް ޑިވިޜަނާއި، ބަސް ޔުނިޓްގެ މުވައްޒަފުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް  އިތުރަށް އަހުލުވެރި ކުރުވުމުގެ ގޮތުން، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ހިނގާ މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމަކީ އެމްޓީސީސީ އެދުމުގެމަތިން، އެ ކުންފުނީގެ އުޅަނދު ދުއްވާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިތުރަށް އަހުލުވެރި ކުރުވުމުގެ ގޮތުން އެމްޓީސީސީ މީޓިންގރޫމްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. އެ ޕްރޮގްރާމުގައި ޓްރާސްޕޯޓް ސަރވިސް ޑިވިޜަނާއި، ބަސް ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭހެން ޖުމުލަ 31 މުވައްޒަފުން ބައިވެރިވިއެވެ.

viber_image_2021-05-03_10-53-03

އެ ޕްރޮގްރާމުގެ ސެޝަންތަކުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މިހާރު އައިސްފައިވާ ހަތަރުވަނަ އިސްލާހުގައި ހުރި ކަންކަމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމުގެ ގޮތްތަކާއި، އުޅަނދު ދުއްވާއިރު މަގުމަތިން ދިމާވާ އުނދަގޫތަކާއި، މަގުމަތީގައި އެކްސިޑެންޓެއް ހިނގައިފިނަމަ އަމަލު ކުރާނެ ގޮތްތަކާ ގުޅޭ މުހިންމު މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން އުޅަނދު ދުއްވާ ފަރާތްތަކުން ސާފުކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުންވެސް އެ ޕްރޮގްރާމުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

އެ ޕްރޮގްރާމުގައި ސެޝަންތައް ނަގައިދީފައިވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މިފަދަ ޕްރޮގްރާމުތައް ހިންގުމުގެ ތަމްރީނު ލިބިފައިވާ ފުލުހުންނެވެ.

 
Meeting With Immigration

ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާނުލެވި ތަކުރާރުކޮށް ކުށަށް އަރައިގަންނަމުންދާތީ އެފަދަ ފަރާތްތައް ފަސޭހަކަމާއެކު ޑީޕޯޓްކޮށްލެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަށް މޯލްޑިވްސް އިމިގްރޭޝަނާއެކު ފުލުހުން މަޝްވަރާކޮށްފިއެވެ.

އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި މާލެ ސިޓީ ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި މާލެ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިސްވެރިންނާއި ޖެނެރެލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މި ބައްދަލުވުމުގައި ބިދޭސީން ކުށުގެ ވެށީގައި ހަރަކާތްތެރިވަމުންދާ ގޮތާއި އެމީހުންގެ ފަރާތުން މުޖުތަމައަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން ލޯނަރު ވަގަށް ނެގުމާއި، މަސައްކަތްކުރާ ސައިޓްތަކުގައި ހުންނަ އިލެކްޓްރިކް ސާމާނުފަދަ ތަކެއްޗާއި އެހެންވެސް ތަކެތި ވަގަށް ނަގައި އެތަކެތީގެ ވިޔަފާރި ހިންގާކަމާއި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ހިންގުމުން ފެށިގެން ތަފާތު އެކި ކުށްތަކުގައި ބިދޭސީންގެ ބައިވެރިވުން ފާހަގަކުރެވިފައިވާ ކަމަށާއި މިފަދަ ގިނަ މައްސަލަތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ޑޮކިއުމަންޓްސް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންކަން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން އެފަދަ ފަރާތްތަކުގެ ސައްހަ މައުލޫމާތު ކަށަވަރުކުރުމުގައި ބޮޑެތި ގޮންޖެހުންތައް ދިމާވާކަމާއި އެމީހުން ގައުމުން ފޮނުވާލުމުގައި ލަސްތަކެއް ވަމުން އަންނާތީ މުޖުތަމައަށް ދޫވެފައި ތިބުމުގެ ސަބަބުން ތަކުރާރުކޮށް ކުށްތަކަށް އަރައިގަންނަމުންދާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށް،  ގާނޫނާއި ގަވާއިދުގެ ތެރެއިން އެފަދަ ފަރާތްތައް ޑިޕޯޓްކޮށްލުމުގެ މަސައްކަތް އަވަސްކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި އިމިގްރޭޝަންގެ ފަރާތުން ބައިވެރިވެލެއްވި އޮފިސަރުންވެސް ވަނީ ބިދޭސީންގެ މައްސަލަތަކުގައި ހުރި ގޮންޖެހުންތައްވެސް  ހިއްސާކޮށްފައެވެ.  އެގޮތުން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި މިހާރު ތިބި މީހުންތައް ފޮމުވާލުމުގައި އެކި ކަހަލަ ލަސްވުންތައް ހުރުމުން އިތުރު މީހުން ނެގުމަށް ދަތިތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. އަދި މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް ދެނެގަނެ ދެފަރާތުން އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމަށް މަޝްވަރާކޮށްފައިވެއެވެ. އެގޮތުން ރާވާލެވޭ ގޮތަށް މަސައްކަތް ކުރިއަށް ގެންދެވޭތޯ ބެލުމަށް ފޮލޯއަޕް އިތުރު ބައްދަލުވުމުންތައް ބޭއްވުމަށާއި މަސައްކަތުގައި ދިމާވާ ދަތިތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދީ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވެެއެވެ.

ބިދޭސީންނާއި ގުޅޭ މައްސަލަތަކުގައި އިމިގްރޭޝަނާއި ފުލުހުން އަބަދުވެސް ގުޅިގެން މަސައްކަތް ކުރަމުން ދެއެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ނެގުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައިވެސް ދެފަރާތް ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.

 
police 74

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޅ. ނައިފަރު އަދި ރ. އިނގުރައިދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެގޮތުން، މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ނައިފަރުން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހު 3 ވަނަ ދުވަހު ނައިފަރު ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔައިރު އޭނާއާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަށް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

އޭގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން 29 އަހަރުގެ މީހަކު އިނގުރައިދޫން ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިނގުރައިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ. މި މަހު 1 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 
viber_image_2021-05-02_11-22-14

ފާއިތުވި ދެ އަހަރާ އަަޅައިބަލާއިރު މިއަހުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލަތައް މަދުވެފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފާއިތުވި ދެ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް 2648 މައްސަލައެއް ހުށަހަޅާފައިވާއިރު، މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ހުށަހަޅާފައިވަނީ 1352 މައްސަލައެވެ.

މިމުއްދަތުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ވަކިވަކީން ބަލާއިރު ރޯދަމަހުގެ ދުވާލުގެ ވަގުތުގައި ކައިގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް ވަނީ މަދުވެފައެވެ. މިގޮތުން ފާއިތުވި ދެ އަހަރު 29 މައްސަލައެއް ހުށަހަޅާފައިވާއިރު މިއަހަރުގެ މި މުއްދަތުގައި 10 މައްސަލަ ހުށަހަޅާފައިވެއެވެ.

ފާއިތުވި ދެ އަހަރާއި މި އަހަރު ރަމަޟާން މަހުގެ ފުރަތަމަ 15 ގައި ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކަށް ބަލާއިރު  ފާއިތުވި ދެ އަހަރުގެ މި މުއްދަތުގައި 646  މައްސަލަ  ހުށަހަޅާފައިވެއެވެ. އަދި މިއަހަރުގެ ރަަމަޟާން މަަހުގެ ފުރަތަމަ 15 އާ ހަމައަށް ވައްކަމުގެ 368 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ވައްކަމުގެ މައްސަލަތައް މަދުކުރެވޭނީ ކޮންމެ ފަރުދަކުވެސް މަސައްކަތް ކޮށްގެންނެވެ. މިގޮތުން ނިދުމުގެ ކުރިން، ގޭގެ ދޮރުތައް ހުރީ ރަނގަޅަށް ތަޅުލެވިފައިތޯ ބަލައި ގޭގައި ގެންގުޅޭ މުހިންމު ތަކެތި، ފޯނު ލެޕްޓޮޕް ނުވަތަ ފައިސާފަދަ ތަކެތި ރައްކާތެރިގޮތަކަށް ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އަދި ސައިކަލާއި ކާރުފަދަ ތަކެތިވެސް ތަޅުލުމުުގައި މިހާރަށްވުރެ ސަމާލުކަން ދެއްވާށެވެ.

މީގެ އިތުރުން ފާއިތުވި ދެ އަހަރާއި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ގައި ހުށަހަޅާފައިވާ ޓްރެފިކް މައްސަލަތައް ވެސް މަދުވެފައެވެ. މިގޮތުން ފާއިތުވި ދެ އަހަރު 197 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރުގެ މި މުއްދަތުގައި 129 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މަގުމަތީގެ އެކްސިޑެންޓް ތަކާއި ޓްރެފިކް އެހެނިހެން މައްސަލަތައް މަދުކުރުމަށް ސަމާލުކަން ދެއްވާށެވެ. ހާއްސަކޮށް ހަވީރުގެ ވަގުތުތަކުގައި މަގުމަތި ބާރުބޮޑުވެ ދުއްވާ އެއްޗެހި ގިނަވެގެންދާ ވަގުތުތަކުގައި ވީހާވެސް ބޮޑަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބެއްލެވުމަކީ އެދޭ ކަމެކެވެ. އަދި ކޮންމެހެން މުހިންމު ނޫންނަމަ އެ ވަގުތުތަކުގައި ނިކުމެ ނޫޅުމަކީ މިފަދަ ދުވަސްވަރެއްގައި އެންމެ ރައްކާތެރިގޮތް ކަމުގައި ހަނދާންކޮށްދެމެވެ. މަގުމަތީގައި އުޅޭއިރު މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމަށްވެސް މި ފުރުޞަތުގައި ހަނދާން ކޮށްދެމެވެ.

ފޭރުމުގެ މައްސަލަތަކަށް ބަލާއިރު ފާއިތުވި ދެ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ފޭރުމުގެ 41 މައްސަލައެއް ހުށަހަޅާފައިވާއިރު މި އަހަރު ހުށަހަޅާފައިވަނީ 20 މައްސަލައެކެވެ. މުދަލަށް ގެއްލުންދިނުމުގެ 53 މައްސަލައެއް މި އަހަރު ހުށަހަޅާފައިވާއިރު ފާއިތުވި ދެ އަހަރު 273 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު 156 މައްސަލައެއް ހުށަހަޅާފައިވެއެވެ. ފާއިތުވި ދެ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު މަސްތުވާތަކެތީގެ 398 މައްސަލަ ހުށަހަޅާފައިވެއެވެ.

އެހެނިހެން މައްސަލަތަކުގެ ގޮތުގައި ފާއިތުވި ދެ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު 743 މައްސަލައެއް ހުށަހަޅާފައިވާއިރު  މި އަހަރު 415 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި ކުދިކުދި ވައްކަމުގެ މައްސަލަ އިތުރުވަމުންދާއިރު މިފަދަ މައްސަލަތައް މަދުކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ކޮންމެ ފަރުދަކުވެސް މިފަދަ ކަންކަމުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި ފަރުދީ ޒިންމާ އަދާކުރެއްވުމަކީ މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.