ކޮމިޝަނަރ އޮފް ޕޮލިސް އުރީދޫގެ އިސް ބޭފުޅުންނާއި ކުރެއްވި ބައްދަލުވުމުގެ ތެރެއިން
ކޮމިޝަނަރ އޮފް ޕޮލިސް އުރީދޫގެ އިސް ބޭފުޅުންނާއި ކުރެއްވި ބައްދަލުވުމުގެ ތެރެއިން

އެކި ފަރާތްތަކުގެ ފޯނަށް ފޮނުވަމުންދާ އިންޒާރުގެ މެސެޖްތައް ފޮނުވާ ފަރާތްތައް ދެނެގަތުމާއި އެފަދަ މެސެޖްތަކާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަޙުޤީޤުތަކުގައި އެއްބާރުލުން ދިނުމާބެހޭގޮތުން އުރީދޫގެ އިސް ފަރާތްތަކާއި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ބައްދަލު ކުރައްވައިފި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް އަލަށް ހަވާލުވި، ވިކްރަމް ސިނާ މަޤާމާ ހަވާލުވުމަށްފަހު ފުލުހުންގެ އިސް ފަރާތްތަކާއި އެކު ބޭއްވި މި ބައްދަލުވުމުގައި، ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމަށް އެކި ފަރާތްތަކުން ފޮނުވަމުންދާ މެސެޖްތައް ފޮނުވާ ފަރާތްތައް މިހާރަށްވުރެ ފަސޭހަ ނިޒާމެއްގެ ތެރެއިން ދެނެގަނެ، އެފަދަ ކަންކަން ހުއްޓުވުމާއި ގުޅޭގޮތުން ދެ ފަރާތުންވަނީ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ. މި ކަމަކީ މިހާރު ރައްޔިތުންގެ ކޮންބޮޑުވުން އެންމެ ބޮޑަށް ފާޅުކޮށްފައިވާ އެއް ކަންތައްކަމުގައި ވެފައިވާތީ، މި މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރެވޭނެގޮތަކާއި ގުޅޭގޮތުން މަޝްވަރާތައްވަނީ ކުރިޔަށް ގެންގޮސްފައެވެ.

މީގެ އިތުރުން އުރީދޫން މިހާރު ފުލުހުންނަށް ދެމުންދާ އެކި އެކި ޚިދުމަތްތަކާއި އަދި މި ޚިދުމަތްތައް އިތުރަށް ފުޅާކުރުމާއިގުޅޭ ގޮތުން ދެފަރާތުން ގިނަ މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ. އަދި ކުރިޔަށް އޮތްތާގައި ދެ ފަރާތުގެ އެއްބާރުލުމާއެކު ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން ސީސީ ޓީވީ އެކްސްޕެންޝަން ޕްރޮޖެކްޓްގައި ދެ ފަރާތުން ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް ވަނީ އެއްބަސްވެވިފައެވެ. އަދި ކޯލް ސެންޓަރުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުމުގައި ދެ ފަރާތުގެ އެއްބާރުލުމާއިއެކު ތަމްރީނުތައް ކުރިޔަށް ގެންދިޔުމަށްވެސް ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.

ފުލުހުންގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވަޑައިގަތީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ އާއި  އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ގެ އިތުރުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.  އުރީދޫގެ ފަރާތުން ޗީފް އެގްޒެކެޓިވް އޮފިސަރ ވިކްރަމް ސިނާ، ސޭލްސް ހެޑް ހުސައިން ނިޔާޒް، ޕްލޭނިންގ ގެ ހެޑް ޝަބީން ޢަލީ އަދި ޗީފް ޓެކްނޮލޮޖީ އޮފިސަރ ސަނޖޭ ވަގާސިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.