އއ.އުކުޅަސް، ބީޗްރެސްޓް ކާމިލް އިބްރާހީމް
އއ.އުކުޅަސް، ބީޗްރެސްޓް ކާމިލް އިބްރާހީމް

ދަޢުލަތުގެ މުދަލަަށް ގެއްލުންދީ ފުލުހަކަށް ހަމަލާދިންކަމަށް ތުހުމަތުކުރެވުމާއި ގުޅިގެން ރޭ ހޯދަން އިއުލާންކޮށްފައިވާ އއ. އުކުޅަސް، ބީޗް ރެސްޓް ކާމިލް އިބްރާހިމް (24އ) ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ކާމިލް އިބްރާހިމްއަކީ 2013 އޮކްޓޯބަރު 05 ވަނަ ދުވަހުގެރޭ މާލެ ތެރޭގައި މުޒާހަރާގައި ފުލުހުން އަޅާފައިވާ ބެރިގޭޑްތައް ފޫއަޅުވާލުމަށްފަހު ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދަށް ވަދެ ޗާންދަނީ މަގު އޯކިޑްމަގު ގުޅުނު ކަންމަތީގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަރުކޮށްފައިވާ ހުރި ސީ.ސީ.ޓީ.ވީ ކެމެރާއަށް ގެއްލުންދީ ހަލާކުކޮށް، އެސަރަޙައްދުގައި އަމަން ބަލަހައްޓަން ޙަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި މާރާމާރީ ހިންގަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުންދާ މީހެކެވެ.

މީގެއިތުރުންވެސް ކާމިލް އިބްރާހިމްއަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓިކަމަށް ސާބިތުވެ 6 އަހަރު ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށްފައިވާ މީހެކެވެ. އަދި ކާމިލް އިބްރާހިމްއަކީ 2013 މާޗް މަހުގެ 06 ވަނަ ދުވަހުގެ ވަގުތެއްގައި އދ. ކަނބުރުދޫ ކައިރިން ކަނޑުމަތީގައި އޮތް ތެޔޮ ބޯޓަކަށް އަރައި އެބޯޓުގައި ތިބި މީހުންނަށް ބިރުދައްކައި މާރާމާރީ ހިންގައި އިންޒާރުދީފައިވާކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައެއްގެ ތުހުމަތުގައިވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެކެވެ.

ވީމާ، ކާމިލް އިބްރާހިމްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމެއް ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. އަދި މިފަދަ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ  ރައްކާތެރިކަން ފޯރުކޮށްދޭނެކަމުގައި ދަންނަވަމެވެ.

ތަފާތު މައްސަލަތަކުގައި ފުލުހުން ހޯދަން އިއުލާން ކުރާ ފަރާތްތައް ހޯދުމުގައި ދިވެހި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.