ޕޮލިސް ފައިލް ފޮޓޯ
ޕޮލިސް ފައިލް ފޮޓޯ

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންތައްތަކާ ގުޅޭގޮތުން ފުލުހުން ޤާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ދޭންޖެހޭ އެއްބާރުލުން ފުރިހަމަ ގޮތުގައި ދެމުން ގެންދާކަން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެއްޖެއެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ޑރ. ޢަބްދުﷲ ވަޙީދަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ސޮއި ކުރައްވައި މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބާއި ގުޅިގެން ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި އަމާން ވެއްޓެއް ޤާއިމްކޮށްދިނުމަށް ފުލުހުން ވަމުންދާ ތައްޔާރީތަކާއި އެތައްޔާރީތަކުގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނަށްދީ ދެފަރާތުން އެކަންކަން ޙިއްސާކޮށް އިލެކްޝަންސް ކޮމިޝަންސްގެ ލަފާވެސް ހޯދަމުން ގޮސްފައިވާނެ ކަމަށެވެ. މިއާއެކު ރިޔާސީ އިންތިޚާބު ބާއްވާދުވަހު ސަލާމަތީކަންކަން ގެންދާނެގޮތާއި ފުލުހުންގެ ދައުރާމެދު މަޝްވަރާކޮށް ދެފަރާތުގެ މެދުގައި މެމްރަންޑަމްއޮފް އަންޑަސްޓޭންޑިންގ އެއްގައި ސޮއިކުރެވިފައިވާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ފޮނުއްވި ސިޓީފުޅުގައި ވެއެވެ.

މިސިޓީގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައިވަނީ މި އެމްއޯޔޫގައި ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް އިލްކެޝަންސް ކޮމިޝަންގެ މެމްބަރުންނަށާއި އެތަނުގެ އޮފީސްތަކަށާއި އެހެނިހެންވެސް އިލެކްޝަންސް ކޮމިޝަނުން އެދެމުންދިޔަ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓައިދެމުންދާކަމަށެވެ. މިއާއެކު 28 ސެޕްޓެމްބަރު 2013 ވަނަ ދުވަހު ރިޔާސީ އިނތިޚާބުގެ 2 ވަނަ ބުރުގެ ވޯޓުލުން ބޭއްވުމުގެ ތައްޔާރީތައް ވަމުންދަނިކޮށް ސުޕްރީމް ކޯޓުގެ ނަމްބަރު 02/2013/SC-VA-J ވަގުތީ އަމުރު ނެރުމާއި ގުޅިގެން ސެޕްޓެމްބަރު 28 ވަނަ ދުވަހު ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރު ބޭއްވުމަށްޓަކައި ހިންގޭ އެއްވެސް ޙަރަކާތެއްގައި ފުލުހުންނަށް ބައިވެރިވެވެންނެތްކަމަށް އިންތިޚާބުގެ ކަންކަމަށް ލަފާދޭ ނެޝަނަލް ކޯޑިނޭޓިން ކޮމިޓީ އާއި އިލެކްޝަންސް ކޮމިޝަނަށް އަންގަވާފައިވާނެކަމަށްވެސް މިސިޓީގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވިދާޅުވެފައެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސަށް ކޮމިޝަނަރ އޮފް ޕޮލިސް މިއަދު ފޮނުއްވާފައިވާ ސިޓީގައިވާ ގޮތުގައި 28 ސެޕްޓެމްބަރު 2013 ވަނަ ދުވަހު އިންތިޚާބުގެ 2 ވަނަ ބުރު ނުބޭއްވުމަށް ސުޕްރީމްކޯޓުން އަމުރުނެރެފައިވަނިކޮށް އެދުވަހު އިންތިޚާބު ބޭއްވުމަކީ ޤާނޫނާއި ޚިލާފު ކަމަކަށްވާތީ އެދުވަހު އިންތިޚާބުގެ 2 ވަނަ ބުރު ބޭއްވުމަށް ކުރަމުންދާ ކަންކަމުގައި އެހީވެވެންނެތްކަމަށް ދެންނެވުން ފިޔަވައި އިލެކްޝަންސް ކޮމިޝަނަށް ޤާނޫނީ ގޮތުން ދޭންޖެހޭ އެއްބާރުލުމެއް ދިނުން ހުއްޓާލާފައި ނުވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިހާރުވެސް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ސެކިއުރިޓީ ދިނުމާއި އެކޮމިޝަންގެ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމާއި މިމަހުގެ 23 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އަތޮޅުތަކަށް ފޮނުވާފައިވާ ވޯޓުކަރުދާހާއި ވޯޓުފޮށިތަކުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓަމުންދާކަމުގައިވެސް އެސިޓީގައި ވިދާޅުވެފައި ވެއެވެ. މިއާއެކު އިލެކްޝަންސް ކޮމިޝަނަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެއްބާރުލުން ނުދޭކަމަށް މީޑިއާގައާއި އެހެނިހެން ބައެއް މުއައްސަސާތަކަށް ޝަކުވާ ހުށަހެޅުމުން އެފަރާތްތަކުން އެފަދަ ކަންކަން ސާފުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅަމުންދާއިރު އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރަސްމީކޮށް އެކަމާގުޅެ އެއްވެސް މަޢުލޫމާތެއް ޙިއްސާކޮށްފައިނުވާތީ އިލެކްޝަންސް ކޮމިޝަނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެހީތެރިކަން ފޯރުކޮށްނުދެނީ ކޮންކަމެއްގައިކަން ސާފުކޮށްދެއްވުމަށްވެސް މިސިޓީގައި އެދިވަޑައިގެންފައި ވެއެވެ.