chutty1

މި ދުވަސްވަރަކީ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ސްކޫލުތައް ބަންދުވުމާއެކު ލިބުނު ޗުއްޓީގައި ގިނަ ބަޔަކު އެކި ދިމަދިމާއަށް ދަތުރުކުރާ ދުވަސްވަރެކެވެ. ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ނުވަތަ އަތޮޅު ތެރެއަށް ގޮސް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގައި ހޭދަކުރާ ދުވަސްވަރުވެސްމެއެވެ.

އެހެންކަމުން ޗުއްޓީއަށް ދިއުމުގެ ކުރިން މުދަލާއި ގެދޮރުގެ ރައްކާތެރިކަމަށް އިސްކަންދީ އަދި ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމުކަމަކަށްވާއިރު، މިލިޔުމުގައި މި ފާހަގަކޮށްލަނީ ޗުއްޓީއަށް ދިއުމުގެ ކުރިން ވިސްނާލުން މުހިންމު އަދި ސަމާލުކަންދޭންވީ ބައެއް ކަންކަމެވެ.

އެގޮތުން ރަށުން ބޭރަށްދާނަމަ ގޭގައި ހުންނަ އަގުބޮޑު އަދި ފަސޭހައިން އުފުލައި ގެންގުޅެވޭ ޒާތުގެ ތަކެތި ބޮޑަށް ރައްކާކޮށް، ގޭގައި ފައިސާ ރައްކާކުރުމުގެ ބަދަލުގައި ޗުއްޓީއަށް ދިއުމުގެ ކުރިން ބެންކަށް ފައިސާ ޖަމާކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ. އަދި ޕާސްޕޯޓާއި އައިޑީ ކާޑު އަދި ކޭޝްކާޑު ފަދަ މުހިއްމު ތަކެތި ހާމަތަންތަނުގައި ނުބަހައްޓައި ރައްކާތެރިކުރުމާއި ޗުއްޓީގައި ހުރިނަމަވެސް ކޮންމެވެސް މީހެއް މެދުވެރިކޮށް ދޭތެރެ ދޭތެރެއިން ގޭގެ ހާލަތު އޮޅުން ފިލުވުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ.

އޭގެއިތުރުން، ދިރިއުޅެމުންދާ ގެ ނުވަތަ އެޕާޓްމަންޓް ހުސްކޮށް ބަހައްޓާފައި ރަށުން ބޭރަށް ދާނަމަ އިތުބާރުކުރެވޭ ޒިންމާދާރު މީހަކާ ގެ ބަލަހައްޓަން ހަވާލުކުރުމާއި ގޭގައި އެކަށީގެންވާ އަލިކަމެއް ބެހެއްޓުމުގެ އިތުރުން ގެއަށް ފަސޭހައިން ވަދެވޭގޮތަށް ހުރި ތަންތަން ރަނގަޅަށް ބަންދުކުރުމަކީވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިއްމު ފިޔަވަޅުތަކެކެވެ. އަދި ގެއިން ބޭރުގައި ބަހައްޓާފައިވާ ބޫޓު ނުވަތަ ފައިވާން ފަދަ ތަކެތީގެ ތެރޭގައި ތަޅުދަނޑި ފަދަތަކެތި ނުބެހެއްޓުމާއި ގޭގެ އެއްވެސް ދޮރެއްގެ ތަޅު ހަލާކުވެފަ ހުރިނަމަ ތަޅު ބަދަލުކޮށް ތަޅުދަނޑި ފަދަ ތަކެތި އިތުބާރުކުރެވޭ ޒިންމާދާރު މީހެއްގެ އަތުގައި ރައްކާކުރުމަކީވެސް ކުރެވިދާނެކަމެކެވެ. އަދި ޗުއްޓީ ދުވަސްވަރު ރަށްރަށަށް ދަތުރު ދިއުމާއި މަސްދަތުރު ދިއުންފަދަ ކަންކަމާއި  މޫދަށް އެރި އުޅުމުގައިވެސް ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމާއި ކުޑަކުދިން އެކަނި ގޮނޑުދޮށަށް ދޫކޮށްނުލުމަށް އިލްތިމާސްކުރަމެވެ.

ހަމައެއާއެކު މިދުވަސްވަރަކީ ކޮވިޑް -19 އާ ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްވަރަކަށް ވުމުން ރާއްޖެއިން ބޭރަށާއި އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރާއިރު، އަމިއްލަ ނަފްސާއި އާއިލާގެ އިތުރުން އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، ރައްކާތެރިކަމުގެ ގޮތުން އެޅުމަށް އަންގާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމުލުކުރުމަށް އިލްތިމާސްކުރަމެވެ.