madifushi

ތ.މަޑިފުށީގައި މަސައްކަތްކުރާ ފުލުހުންނާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން މަޑިފުށީ ސްކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު މަޑިފުށި ސްކޫލުގައި ކުރިއަށްދިޔަ މި ޕްރޮގްރާމުގައި ގެވެށި އަނިޔާ އަކީ ކޮބައިކަމާއި، ގެވެށި އަނިޔާގެ ހާލަތުގެ އިތުރުން ގެވެށި އަނިޔާ އާ މެދު ކުރެވިފައިވާ ބައެއް ކުށްހީތައް ބެލެނިވެރިންނާ ހިއްސާކޮށްފައިވެއެވެ.

 އެގޮތުން، ގެވެށި އަނިޔާ މުޖްތަމައު ތެރޭގައި އާންމުވަމުންދާ މިންވަރާއި ގެވެށި އަނިޔާ ލިބިފައިވާ މީހުން ދެނެގަންނާނެ ގޮތްތަކާއި ގެވެށި ގުޅުމަކީ ކޮބައިކަމާ ގެވެށި ގުޅުމެއްގައި ހިމެނޭ ފަރާތްތަކަކީ ކޮބައިކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.  އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ އަމަލުތަކަކީ ކޮބައިކަމާއި، އަނިޔާކުރުމަށް މަގުފަހިވާ ސަބަބުތަކާއި، އަނިޔާގެ އަމަލުތައް ހިނގަމުންދާ ގޮތާއި އަދި އަނިޔާކުރާ ފަރާތްތަކުން ބާރުގެ ބޭނުންކޮށްގެން އަނިޔާ ލިބޭ ފަރާތްތައް ކޮންޓްރޯލްކޮށް، އަނިޔާކުރުމުގައި ދެމިހުންނަ ސަބަބުތަކާއި، އަނިޔާގެ ސަބަބުން އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

އޭގެއިތުރުން، ގެވެށި އަނިޔާއިން ރައްކާތެރިވާނެ ގޮތްތަކާއި، އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި، އަނިޔާގެ އަމަލެއް ހިނގައިފިނަމަ އެކަން ރިޕޯޓު ކުރެވޭނެ ވުޒާރާތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އަނިޔާގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން ރައްކާތެރިވުމުގެ އަމުރުގެ މުހިންމުކަމާއި ރައްކާތެރިވުމުގެ އަމުރަށް އެދެވޭނެ ގޮތްތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

ގެވެށި އަނިޔާގެ އަމަލުތަކުުގެ މައްޗަށް ކުޅެފައިވާ ބައެއް ތަމްސީލްތަކާއެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މަޑިފުށީ ސްކޫލުގެ ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ..