IMG_0988

ފުލުހުންނަށް ހުށަހަޅާ ތަފާތު އެކި މައްސަލަތަކުގެ ތެރެއިން ވައްކަމާއި ފޭރުމުގެ މައްސަލަތަކަކީވެސް އާންމުކޮށް ހުށަހެޅޭ މައްސަލަތަކެކެވެ. މި އަހަރު ނިމެން 12 ވަރަކަށް ދުވަސް ބާކީ އޮތް އިރު މިހާރުވެސް މި ބާވަތްތަކުގެ 4930 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މީގެ ތެރެއިން 4562 މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ. ބާކީ އޮތް 368 މައްސަލައަކީ ފޭރުމުގެ މައްސަލަތަކެވެ. މުޖުތަމައުގައި މި ފަދަ ކުށްތަކަށް އަރައިގަންނަ މީހުން އެބަތިއްބެވެ. އަދި ތަކުރާރުކޮށް މި ކުށްކުރާ މީހުންވެސް އެބަތިއްބެވެ. އެހެންނަމަވެސް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަހުގީގަށް ބަލާއިރު ފާހަގަވާ އެހެންކަމެއްވެސް އެބައޮތެވެ. އެއީ މިފަދަ ކުށްތަކަށް އަރައިގަންނަ މީހުންނަށް މަގު ފަހިވާ ގޮތަށް ހުންނަ ބައެއް ކަންކަމެވެ. ދޭންވާ އެކަށީގެންވާ ސަމާލުކަން ނުދެވުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައި ނެތުމުން ހިނގާފައިވާ މިފަދަ މައްސަލަތަކުގެ އަދަދުވެސް މަދެއް ނޫނެނެވެ.

ސައިކަލު ވަގަށްނެގުމާއި ސައިކަލުން ވައްކަންކުރުން

ވައްކަމުގެ މައްސަލަތަކަށް ބަލާއިރު މިއީ އާންމުވެފައިވާ މައްސަލައެކެވެ. ސައިކަލު ވަގަށް ނެގުމާއި ސައިކަލުގެ ޕޮކެޓާއި މަޑިދަށުގައި ހުންނަ ތަކެތި ވަގަށް ނެގުމުގެ މައްސަލަތަކެވެ. ތަހުގީގަށް ފާހަގަވެފައިވާ ގޮތުގައި، ސައިކަލު ވަގަށް ނަގާ މީހުން ގިނަ ފަހަރަށް އެކަން ކޮށްފައި ހުރީ ކޮންމެވެސް ދިމާއަކަށް ދަތުރުކޮށްލުމުގެ ބޭނުމުގައެވެ. ނޫނީ ސައިކަލުގެ ކޮންމެވެސް ސްޕެއަރއެއް ބޭނުންވެގެންނެވެ. އަދި މިގޮތަށް ވަގަށް ނަގާފައިވާ ސައިކަލުތަކަށް ބަލާއިރު ގިނައީ ހޮންޑާ 125 ބްރޭންޑުގެ ސައިކަލެވެ. ވަގުންގެ ޝިކާރައަކަށްވީ މިފަދަ ގިނަ ސައިކަލަކީ ޕާކުކުރުމަށްފަހު ހުންގާނު ތަޅު ނުލައި ހުރި ސައިކަލެވެ. ދެންހުރީ ޝަޓަރ ލޮކް ނުކުރާ ސައިކަލެވެ. ޕޮކެޓަށް އެއްޗެއް ލައި ހަނދާން ނެތި ދެވޭ ފަހަރުވެސް މަދެއްނޫނެވެ. މިއީ ވައްކަން ކުރާ މީހުންނަށް އަމިއްލައަށް ދޫކޮށްލެވޭ ފުރުސަތެކެވެ.

އެހެންކަމުން ސައިކަލު ޕާކުކުރާއިރު ހުންގާނު ހުރީ ރަނގަޅަށް ތަޅުލެވިފައިތޯ ޔަގީންކުރާށެވެ. ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ސައިކަލު ބަހައްޓަންވިޔަސް ޝަޓަރވެސް ލޮކް ކޮށްލާށެވެ. ސައިކަލު ބެހެއްޓުމަށްފަހު ދިގު މުއްދަތަކަށް ރަށުން ބޭރަށް ދާނަމަ އިތުބާރުކުރެވޭ މީހަކާ ހަވާލުކުރާށެވެ. ނޫނީ ސީސީޓީވީ ހުރި ޒޯނެއް ނުވަތަ ރައްކާތެރި ތަނެއްގައި ޕާކުކޮށްލާށެވެ. އަދި މިކަމަށް ހާއްސަ ސަމާލުކަމެއް ދޭށެވެ. ސައިކަލު މަޑިދަށާއި ޕޮކެޓުގައި ބާއްވާ ތަކެތި ނަގަން ހަނދާން ނައްތައިނުލާށެވެ. އަދި އެންމެ މުހިންމުކަމަކީ މަޑިދަށާއި ޕޮކެޓަކީ އަގުބޮޑެތި ތަކެއްޗާއި މުހިންމު ލިޔުންތައް އަދި މި ނޫންވެސް ތަކެތި ފޮރުވަން އެންމެ ރައްކާތެރި ތަނެއް ނޫންކަން ހަނދާންކުރާށެވެ.

ގެދޮރާއި އިމާރާތްތަކުން ވައްކަންކުރުން

ގެދޮރާއި އޮފީހާއި ފިހާރަތަކުން ވައްކަން ކޮށްގެން ހުށަހެޅޭ މައްސަލަތައްވެސް ނިސްބަތުން މަދެއް ނޫނެވެ. ހުށަހެޅިފައިވާ މި ފަދަ މައްސަލަތަކަށް ބަލައިލުމުންވެސް، އަގުހުރި މުދާ ކުޑަކުޑަކަމަކުން ނުގެއްލި ރައްކާކުރެވިދާނެ ބައެއް މައްސަލަތައް ހުރިކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ. ގެއަށް ވަންނަ މީހުންނަށް ފެންނަ ގޮތަށް ހާމައަށް އަގުހުރި މުދާ ބައެއް ފަހަރު ބެހެއްޓިފައި އެބަހުރެއެވެ. އަދި ގޭތެރޭގައި މީހުން ނޫޅޭ ވަގުތުތަކުގައިވެސް ދޮރުތައް ތަޅުނުލެވި ހުންނަ ފަހަރުވެސް މަދަދެއް ނޫނެވެ. ބެލްކަނިން ފަސޭހައިން އެރޭ ގޮތަށް ހުންނަ އިމާރާތްތަކުގައިވެސް ދޮރުތައް އާންމުކޮށް ހުޅުވާލެވިފައި ހުރި ފަހަރުތައްވެސް އެބަހުއްޓެވެ.

އެހެންކަމުން ކުޑަކަމެކޭ ހިތައި ދޫކޮށްލެވޭ މި ފަދަ ކަންކަމުން ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ފަހަރުވެސް އެބަ އާދެއެވެ. ކުޑަކަމެކޭ ހިތައި ވިސްނާނުލެވި ދޫކޮށްލެވޭ މިކަންތައް ބޮޑުކަމެއްގެ ގޮތުގައި ނަގައި މިއަށްވުރެ ބޮޑަށް ވިސްނާލަމާ ހިނގާށެވެ.

ގެދޮރުގެ އިތުރުން އޮފީސް އިމާރާތްތަކާއި ފިހާރަތަކާއި ސައިޓުތަކަކީވެސް ވައްކަން ކުރާ މީހުންގެ ޓާގެޓް ތަންތަނެވެ. އެހެންކަމުން މިތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރަންޖެހެއެވެ. މިފަދަ ތަންތަނުގައި ސީސީޓީވީ ނުވަތަ ސެކިއުރިޓީ އެލާމް ބަހައްޓައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުން މުހިންމެވެ. އަދި ސައިޓުތަކުން މަސައްކަތް ނިންމާފައި ދާއިރު، ހިފައި ގެންގުޅެވޭ ތަކެތި އެ ތަންތަނަށް ދޫކޮށްނުލައި ރައްކާތެރި ތަނަކަށް ބަދަލުކުރުމަށްފަހު އެ ދުވަހުގެ މަސައްކަތް ނިމޭ ގޮތަށް ރާވައިލުންވެސް މުހިންމެވެ.

މި ހުރިހައި ކަމަކުންވެސް އެންމެ ދެރަކަމަކީ މިއީއެވެ. މި ފަދަ ތަންތަނުން ވަގަށްނަގާ ތަކެތި ނުއަގުގައި ވިއްކުމުން އެ ތަކެތި ގަތުމެވެ. ތަކެތި ވިއްކަން އަންނަ މީހަކީ ކުށުގެ މާހައުލުގައި އުޅޭ މީހެއްކަން އެގުނު ނަމަވެސް މިކަމާ އަޅާނުލައި ދޫކޮށްލާ އެތައް ފަހަރެކެވެ. އެ މީހަކު އެ ވިއްކާ ތަކެތި ނުއަގުގައި ގަތުމުގެ ބަދަލުގައި އެކަން ފުލުހުންނަށް ރިޕޯޓުކުރުމުން އެ ސަލާމަތްކުރެވުނީ އެހެން މީހެއްގެ އަގުހުރި މުދަލެކެވެ. އަދި އެއީ އަމިއްލަ މުދާ ރައްކާތެރިކުރުމަށްވެސް އެޅުނު ވަރުގަދަ ފިޔަވަޅެކެވެ.

މަގު ފޭރުން

މަގުފޭރުމުގެ މައްސަލަތަކަކީވެސް އިތުރުވަމުން އަންނަ މައްސަލައެކެވެ. ދިވެހި މުޖުތަމައުން ފެންނަން ނޭދޭ، އެހެންނަމަވެސް ފެންނަ މަންޒަރުތަކެވެ. މިފަދަ މައްސަލަތަކުގެ ތަހުގީގުންވެސް ފާހަގަވި ކަންކަން އެބަހުއްޓެވެ. މަގުފޭރުމުގެ ގިނަ މައްސަލަތަކުގައި ފޭރިގެންފައި ހުރީ މީހުންގެ ފޯނާއި ވޮލެޓު ފަދަ ތަކެއްޗެވެ.

ފޯނު ފޭރިގަތް މައްސަލަތަކުން ގިނަ ފަހަރަށް ފާހަގަވީ މަގަށް ދޭންޖެހޭ ސަމާލުކަން ނުދީ ފޯނަށް ސަމާލުކަން ދީގެން ދެވުނު ގިނަ ފަހަރުތަކެވެ. ފޯނުން ގޭމެއް ކުޅެމުން ނުވަތަ ކޮންމެވެސް އެޕެއްގައި ބިޒީކޮށް ދެވުމެވެ. މަގުމަތީގައި މަގަށް ދޭންވާ ސަމާލުކަން ދެމާ ހިނގާށެވެ. އަމިއްލަ މުދަލަށް އިތުރަށް ރައްކާތެރިވަމާ ހިނގާށެވެ.

ރޭގަނޑުވެސް މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދެމާ ހިނގާށެވެ. އެކަހެރި އަނދިރި ތަންތަނުގައި މަޑުކޮށްގެން އެކަނި ނުހުންނަށް އާދަކުރަމާ ހިނގާށެވެ. އަދި މަގުމަތީގައި ހިނގާފައި ދާއިރު ނުވަތަ ދުއްވާފައި ދިޔަނަމަވެސް ފަހަތު ޖީބަށް ފޯނު އަދި ވޮލެޓު ލުމާއި ދަބަސް އެލުވާލައިގެން ދިއުމާއި މަގާވީ ފަރާތަށް ދަބަސް ހިފައިގެންދިއުން ފަދަ ކަންކަން ދޫކޮށްލުން ވަރަށް މުހިންމެވެ. އިތުރަށް ވިސްނާލައި ރައްކާތެރިވަމާ ހިނގާށެވެ

ދެން އޮތީ އެންމެ މުހިންމު އެއް ވާހަކައެވެ. ފޯނު ގެއްލޭ މައްސަލަތައް ތަހުގީގުކޮށް ފޯނު ހޯދުމަށް މަސައްކަތްކުރުމުގައި، ފޯނުގެ ބްރޭންޑާއި ފޯނުގެ އައިއެމްއީއައި ނަމްބަރާ އަދި އެންމެ ފަހުން ފޯނުގައި ބޭނުންކުރި ސިމްގެ މައުލޫމާތަކީ ތަހުގީގަށް ވަރަށް މުހިންމު މައުލޫމާތެކެވެ.