3

ހއ. ކެލާ ޕޮލިސް ސްޓޭޝަނާއި އެ ރަށު ޝައިޚް އިބްރާހީމް ސްކޫލް ގުޅިގެން ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެކަމަށްޓަކައި ޝައިޚް އިބްރާހީމް ސްކޫލްގައި މި މަހު 3 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހއ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް މުޢީނެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އަތޮޅު ކޮމާންޑަރ ދެއްކެވި ވާހަކަފުޅުގައި، ކާމިޔާބުކަމާއެކު އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ސްކޫލާއި ބެލެނިވެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ކޮންމެ ދަރިވަރަކުވެސް ކްލާހުގައި މުދައްރިސުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތްކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވިއެވެ.

4

އެ ރަސްމިއްޔާތުގައި ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޒް ދެއްކެވި ވާހަކަފުޅުގައި، އެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމައިލެވުނީ ކެލާ ޕޮލިސް ސްޓޭޝަންގެ ވަރަށް ފުރިހަމަ އެހީތެރިކަމެއް ލިބިގެންކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ވަކިން ހާއްސަކޮށް ސްވިމިންގ އިންސްޓްރަކްޓަރުންނަށް ޝުކުރުއަދާކުރެއްވިއެވެ.

އޮކްޓޯބަރ 25 އިން ނޮވެމްބަރ 28 އަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ އެ ޕްރޮގްރާމުގައި އެ ސްކޫލްގެ 99 ދަރިވަރުން ބައިވެރިވެ 95 ދަރިވަރުން ފަތަން ދަސްކޮށްފައިވެއެވެ.

އެ ޕްރޮގްރާމްގައި ސްވިމިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ދިއްދޫ ޕޮލިސް ސްޓޭޝަންގެ ސްވިމިންގ އިންސްޓްރަކްޓަރ ސީނިއަރ ސަރޖަންޓް މޫސާ ރަޝީދާއި ސީނިއަރ ސަރޖަންޓް އަހުމަދު ޝަފީގެވެ.