1

ފ. މަގޫދޫގެ ވިޔަފާރިވެރިން ކުށުން ރައްކާތެރިކޮށް ސަލާމަތްކުރުމަށާއި އިތުރަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 22 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، މުޖުތަމައުގައި ހިންގަމުންދާ ކުށްތަކުން ވިޔަފާރިވެރިން ސަލާމަތްކޮށް ރައްކާތެރިކުރުވުމަށާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެކި ޕްރޮމޯޝަންތަކުގެ ނަމުގައާއި ކުންފުނިތަކުގެ ނަމުގައިވެސް ގުޅަމުންދާކަމާއި އެފަދަ ކަންކަން އާންމުގޮތެއްގައި ހިންގަނީ ކިހިނެއްކަމާއި އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެފަދަ ފޯނު ކޯލެއް އައި ކަމުގައިވިޔަސް ޖަވާބުދާރީ ނުވުމަށާއި، ކޭޝްކާޑާއި އެކައުންޓުގެ މައުލޫމާތު ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ކޭޝްކާޑުގެ މައުލޫމާތާއި އެކައުންޓުގެ މައުލޫމާތު ހޯދުމަށް އެއްވެސް ބެންކަކުން ނުގުޅާނެކަމާއި އެފަދަ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ފުލުހުންނާ ހިއްސާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، ފައިސާ ގެންގުޅުމުގައި މިހާރަށްވުރެ ރައްކާތެރިވުމަށާއި ފިހާރަ ބަންދުކޮށްފައި ދާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމަށާއި ރައްކާތެރިވުމުގެ ގޮތުން އިތުރަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް، ވިޔަފާރިކުރާ ތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ރޭގަނޑު ފިހާރަ ބަންދުކޮށްފައި ދާއިރު ފިހާރައިގައި އަލިކަން ބެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް އަތޮޅުތަކުގައި ދަނީ ހިންގަމުންނެވެ.