NadeemD

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާޢީލް ނަދީމް، ސ. ނަމްބަރު 1672 (އުރަހަ/ ބ. ހިތާދޫ) ވަނީ މިރޭގެ ވަގުތެއްގައި ނިޔާވެފައެވެ.

ފުން ހިތާމައިގެ މި ދަނޑިވަޅުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ހުރިހާ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ނަމުގައި މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ރައްދުކުރަމެވެ. އަދި މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި ބަރުޒަޚުގެ ޢާލަމް ތަނަވަސް ކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޞްރަތު ގައި ދުޢާ ދަންނަވަމެވެ. އާމީން.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާޢީލް ނަދީމް މެދުނުކެނޑި 18 އަހަރަށްވުރެ ދިގު މުއްދަތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޚިދުމަތް ކުރައްވާފައިވެއެވެ. ނިޔާވި އިރު ހުންނެވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނޯތު ޕޮލިސްގެ ރީޖަނަލް ކޮމާންޑަރުގެ ޑެޕިއުޓީ އެއްގެ މަޤާމުގައެވެ. ލިބިލައްވާފައިވާ ކުލަ އަދި މެޑަލްތަކުގެ ތެރޭގައި ސުނާމީ ކާރިސާގެ މެޑަލް، ފުލުހުންގެ މެޑަލް، އަޚުލާޤީ ކުލަ، ފުލުހުންގެ ޚިދުމަތުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، އަޚުލާޤީ ކުލަ 2، މިނިވަން ފަންސާހުގެ މެޑަލް، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ ހިމެނެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާޢީލް ނަދީމް ނިޔާވި އިރު ދެ ފިރިހެން ބޭފުޅަކާއި އެއް އަންހެން ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ. ނިޔާވި އިރު ޢުމުރަކީ 37 އަހަރެވެ.