8

ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހޭލުންތެރި ކުރުވުމާއި ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރި އަމާން މާހައުލެއް ގާއިމު ކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެމްޓީސީސީގެ މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެ ޕްރޮގްރާމަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފެރީކުރުމަށް ބޭނުންކުރާ އުޅަނދު ފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިން އަދި އޮޕަރޭޓަރުން ހުނަރުވެރި ގާބިލު ބަޔަކަށް ހެދުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމްގައި، ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރޭގަނޑުގެ ދަތުރުތަކުގައި އުޅަނދުގައި ލައިޓު ބޭނުންކުރުމާއި ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

9

އޭގެ އިތުރުން، ދަތުރު ފެށުމުގެ ކުރިން ބަލަންޖެހޭ ކަންކަމާއި އުޅަނދުގައި ދަތުރުކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދަތުރުކުރުމުގެ ތެރޭގައި މީހަކަށް ނުވަތަ އުޅަނދަށް ކަމެއް ދިމާވެއްޖެނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ފުރަތަމައެހީ ފޯރުކޮށްދޭނެ ގޮތުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

މި އޮކްޓޯބަރ މަހުގެ 4 އިން 11 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި މައުލޫމާތު ދިނުމުގެ ކްލާސްތަކުގެ އިތުރުން އަމަލީ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މެރިން ޕޮލިސް ޑިޕާޓްމަންޓާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އެ ކޮމްޕެނީގެ 54 މުވައްޒަފުން ބައިވެރިވިއެވެ.