22

ކޮމިޝަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އައްޑޫ ސިޓީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މި އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަ ފުޅުގައި، އައްޑޫ ސިޓީގައި ދިމާވާ ކުށުގެ މައްސަލަތައް ހައްލު ކުރުމަށް ފުލުހުންގެ ދައުރު ރަނގަޅު ކުރުމަށްޓަކައި އައްޑޫ ސިޓީގައި ފުލުހުން އިތުރު ކުރާނެކަމަށާއި ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް ފުލުހުން ދެމުންގެންދާ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރީޖަނަށް އަލަށް ހަވާލުވާ ކޮމާންޑަރުންގެ މަސައްކަތްތައް ފެށުމުން މިކަންކަމަށް ހައްލެއް ލިބިގެންދާނެ ކަމުގައި ފާހަގަކުރެއްވިއެވެ.

އެ ބައްދަލުވުމުގައި، އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ދެއްކެވި ވާހަކަ ފުޅުގައި، އައްޑޫސިޓީގައި ހިނގާ ކުށްތައް މަދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. އަދި ފުލުހުންގެ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށްދެއްވުމަށް އެދިލެއްވިއެވެ.

އެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި އައްޑޫސިޓީ ކޮމާންޑަރާއި ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ އިތުރުން އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު އާއި ކައުންސިލް މެމްބަރުން ބައިވެރިވެލެއްވިއެވެ.