viber_image_2021-10-10_11-34-02-643

ކުށްމަދު އަމާން މާހައުލެއް ގާއިމުކުރުމާއި ސްކޫލުތަކުގެ ބެލެނިވެރިން އިތުރަށް ހޭލުންތެރިކުރުވައި މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން މ. ދިއްގަރު ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ދިއްގަރުގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންގޮސްފިއެވެ

ދިއްގަރު ޕޮލިސް ސްޓޭޝަނާއި، މ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރިވިސް ސެންޓަރ އަދި ދިއްގަރު ސްކޫލު ގުޅިގެން މި މަހު 9 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، ކުޑަކުދިންގެ ހައްގުތަކާއި އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ހެދިފައިވާ ހަރުދަނާ ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް، ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ޗައިލް އެބިއުސް އަކީ ކޮބައިކަމާއި އެފަދަ ކަންކަން ދިމާވާ ގޮތްތަކާ ގުޅޭގޮތުންނާއި އެފަދަ ކަމެއް ފާހަގަކުރެއްވިޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރުމަށް އިރުޝާދުދީފައިވެއެވެ. އަދި އެފަދަ ކަންކަން ހައްލުކުރުމުގައި ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ދައުރާއި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކުށުގެ ވެށިން ދަރިން ދުރުހެލިކުރުވައި ކުށުގެ ވެށީގައި އުޅޭ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމުގައި ބެލެނިވެރިން އަމަލުކުރަންވީ ގޮތުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ. އަދި ބެލެނިވެރިން ދަރިވަރުންނަށް ނަމޫނާ ބަޔަކަށްވުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އަދިވެސް އޭގެ އިތުރުން، އިންޓަނެޓުގެ ޒަރީއާއިން ހިންގަމުންދާ ކުޑަކުދިންނާ ގުޅުންހުރި ކުށްތަކާއި އެކަމާ ގުޅޭގޮތުން އެންމެ އާންމުކޮށް ހުށަހެޅޭ މައްސަލަތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެފަދަ ކަންކަމުން ކުދިން ސަލާމަތްކޮށް ރައްކާތެރިކުރުމާއި ކުދިން އިންޓަނެޓު ބޭނުންކުރާނަމަ ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ. އަދި ކުދިންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި ކުދިން ދައްކާ ވާހަކަތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ނަސޭހަތްތެރިވެފައިވެއެވެ.