Maafaru

ކުށުގެ ވެށިން ދުރުހެލިވެފައިވާ ރައްކާތެރި އަމާން މާހައުލެއް ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ. މާފަރު ޕޮލިސް ސްޓޭޝަނުން އެ ރަށުގެ ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، މުޖުތަމައުގައި އާންމުކޮށް ހިނގާ ކުށްތަކާއި ކުށެއް ހިނގުމުގެ ކުރިން ރައްކާތެރިކަން ހޯދިދާނެ ގޮތްތައް އާންމުންނަށް އޮޅުންފިލުވައިދީފައިިވެއެވެ.

އެގޮތުން، ގޭބިސީތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި މަކަރާއި ހީލަތުން ފައިސާހޯދުމަށް ކުރަމުންދާ ކަންކަމުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ބެންކް އެކައުންޓާއި މުދަލާއި ފައިސާއާ ގުޅޭ ކުށްތަކާއި، އާއިލާ ތެރޭގައި ހިނގާ ކުށްތަކުގެ އިތުރުން މުޖުތަމައުގައި ހިނގާ ޖިނާއީ ކުށުގެ އަމަލުތަކުން ރައްކާތެރިވެތިބުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ކުޑަކުދިން ދިރިއުޅޭ ގޭގޭގައި ރައްކާތެރި މާހައުލެއްގައި ކުޑަކުދިންނަށް ގާއިމުކޮށްދިނުމާއި ކުދިން ގެންގުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ގޭގައި ހުންނަ މަސްފެންގަނޑު ފަދަ ތަންތަނަކީ ކުޑަކުދިން އުޅޭ މާހައުލުތަކުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ހުންނަންޖެހޭނެ ތަންތަންކަމާ އެ ފަދަ ތަންތަނަށް ކުދިން ނުވެއްޓޭނޭހެން ހެދުމަށް އިލްތިމާސްކޮށްފައިވެއެވެ.

އަދިވެސް އޭގެ އިތުރުން، ކުށެއް ހިނގުމުން އަމަލު ކުރަންޖެހޭ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ޒަމާނާ އެއްގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަން ކުރެވިފައިވާ ގޮތުގެ މައުލޫމާތު ހިއްސާކޮށް މާފަރުގެ އިދާރާތަކާ ގުޅޭ މުހިންމު ފޯނު ނަންބަރުތައް ހިމެނޭ ސްޓީކާއެއް ކޮންމެ ގޭބިސީއަކަށް ހަދިޔާކޮށްފައިވެއެވެ.