TMD

އަމީނިއްޔާ ސްކޫލާއި، އިސްކަންދަރު ސްކޫލް އަދި އަރަބިއްޔާ ސްކޫލާއި ސީއެޗްއެސްއީ ހިމެނޭ ސަރަހައްދުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކޮށް އެ ސަރަހައްދަކީ ދަރިވަރުންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތްކުރުމަށް މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

ސެޕްޓެމްބަރ 8 ވަނަ ދުވަހު އަމީނިއްޔާ ސްކޫލުގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، އެ ސްކޫލުތައް ކައިރީގައި މިހާރު ދިމާވަމުންދާ ތަފާތު މައްސަލަތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް ފުލުހުންނާއި ސްކޫލުތައް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

އެގޮތުން، ސްކޫލު ފެށޭގަޑި އާއި ނިމޭ ގަޑިތަކުގައި ޓްރެފިކް ފުލުހުން އެ ސަރަހައްދުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމުގައި އަމަލު ކުރަމުންދާ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ގަވާއިދާ ހިލާފަށް ސްކޫލު ސަރަހައްދުގައި ޕާކު ކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުމުގެ މަސައްކަތް ކުރަމުންދާނެ ކަމާއި ސްކޫލު ސަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަނދު ވަދެ ޕާކު ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރުމުންދާ ކަމުގައި ޓްރެފިކް ޕޮލިސްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ސްކޫލުތަކުގެ ދަރިވަރުންނަށް ކުރިއަށް ގެންދާ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާކަމާ އަދި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ބެލެނިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާކޮށްފައިވެއެވެ.

އެ ބައްދަލުވުމުގައި، ސްކޫލުތައް ހިމެނޭ ސަރަހައްދުގައި ދިމާވާ ދަތިތައް ސްކޫލުތަކުން ފާހަގަކޮށްފައިވެއެވެ. އެގޮތުން، ސްކޫލް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި، އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދިއުމާއި ސިމެންތި އަދި ދަގަނޑުފަދަ ތަކެތި ބަހައްޓާފައި ހުންނަ މައްސަލަ ފާހަގަކޮށްފައިވެއެވެ. އަދި ސްކޫލު ގޭޓު ކުރިމަތީގައި އުޅަނދު ޕާކުކޮށްފައި ހުންނަ މައްސަލައާއި ބައެއް ބެލެނިވެރިން ދަރިވަރުންނާއެކު ސައިކަލުގައި ސްކޫލު ގޭޓު ކުރިމަތީގައި ތިބުމުން ދިމާވާ މައްސަލަތައް ހިއްސާކޮށްފައިވެއެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ބެލެނިވެރިން ހޭލުންތެރިކުރުވައި ފުލުހުންނާއި ސްކޫލުތައް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފައިވެއެވެ.

އެ ބައްދަލުވުމުގައި، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި ގަލޮޅު ޕޮލިސްއާއި އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންގެ އިތުރުން ސްކޫލުތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.