police 88

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އއ.ރަސްދުއާއި ނ. ވެލިދޫގައި އޮޕަރޭޝަނެއް ހިންގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން، ރަސްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ރަސްދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ރަސްދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 30 ގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވެއެވެ. މި ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ރަސްދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ވެލިދުއަށްދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. ވެލިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ބޯޓުން ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.