M.Atoll

ރައްޔިތުން ހޭލުންތެރިކޮށް ކުށްމަދު އަމާން ވެއްޓެއް ގާއިމުކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މ. އަތޮޅު ކޮޅުފުއްޓާއި ރަތްމަންދޫގެ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކޮޅުފުށީގައި މަސައްކަތްކުރާ ފުލުހުންނާއި، ދިއްގަރުގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

މި އޮގަސްޓު މަހުގެ 29 ވަނަ ދުވަހު އެ ދެ ރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް، ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ރާސްޓަސް އާއި ރީލޯޑް ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި، ވިޔަފާރި ބަންދުކޮށްފައިދާއިރު ސަމާލުކަން ދޭންވީ ކަންކަމާއި، ފައިސާ ގެންގުޅުމުގައި ސާމާލުކަންދޭންވީ ކަންކަމުގެ އިތުރުން މަކަރާ ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، މުދާ ގަތުމަށްފަހު ފައިސާ ޖަމާކުރިކަމުގެ ސްލިޕް ފޮނުވުމުން އެ ފައިސާ ފިހާރައިގެ އެކައުންޓަށް ޖަމާވިތޯ ޔަގީން ކުރުމަށްފަހު ނޫނީ މުދާ ދޫނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ޝައްކު ކުރެވޭފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވޭނަމަ ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.