Guraidhoo

ވިޔަފާރިވެރިން ހޭލުންތެރިކުރުވައި މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. ގުރައިދުއާއި ހިރިލަންދޫގެ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

އެ ގޮތުން ތ. ގުރައިދޫ ޕޮލިސް ސްޓޭޝަނާއި ބެންކް އޮފް މޯލްޑިވްސް ގުރައިދޫ ގޮފި ގުޅިގެން ގުރައިދޫގައި އިއްޔެ ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި، ބެންކް  އޮފް މޯލްޑިވްސްގެ ނަމުގައި ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުން އިތުރުވެފައިވާތީ އެކަމާ ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުހިންމު މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ.

އެގޮތުން، ކާޑުގެ މައުލޫމާތު ހޯދުމަށް ބެންކުން ނުގުޅާނެ ކަމާއި އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކޭޝްކާޑު ގެއްލުންފަދަ ކަމެއް ދިމާވެއްޖެ ހާލަތުގައި އަމަލުކުރާނެގޮތާއި މަކަރާއި ހީލަތުގެ ކަމެއް ފާހަގަވެއްޖެނަމަ ފުލުހުންނަށް އެކަން ރިޕޯޓުކުރުމަށް އިރުޝާދުދީފައިވެއެވެ.

އޭގެ އިތުރުން، ހިރިލަންދުއާއި ގުރައިދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައިވެސް، ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން، ވިޔަފާރިވެރިންގެ މުދާ ރައްކާތެރިކޮށް ބެލެހެއްޓުމަށާއި ވިޔަފާރި ބަންދުކޮށްފައިދާއިރު ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށާއި ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަގީންކުރުމަށާއި ފިހާރަ ބަންދުކޮށްފައިދާއިރު ފިހާރައިގެ ބޭރުގައި މުދާ ނުބެހެއްޓުމަށާއި، ރޭގަނޑު ބަންދުކޮށްފައި ހުންނައިރު ފިހާރަ ތެރޭގައި އަލިކަމެއް ބެހެއްޓުމަށް އިރުޝާދު ދީފައިވެއެވެ. އަދި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެލާމް ސިސްޓަމް ހަރުކުރުމަށާއި ސީސީޓީވީ ކެމެރާ ހަރުކުރުމަށްވެސް އިރުޝާދު ދީފައިވެ. އަދި ވިޔަފާރި ކުރުމަށްފަހު ސައްހަނޫން ސްލިޕް ފޮނުވާ މައްސަލަތައްވެސް ހިނގަމުންދާތީ އެފަދަ ކަންކަމުން ރައްކާތެރިވުމަށްވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.