13

ވިޔަފާރިކުރާ ފަރާތްތައް ހޭލުންތެރިކުރުވައި މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން އެ އަތޮޅު އިންނަމާދޫ ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ  އިންނަމާދޫގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ތެރެއިން އެ ރަށުގެ ހުރިހާ ފިހާރައަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، ވަގުންގެ ކިބައިން ފިހާރަޔާއި މުދާ ރައްކާތެރި ކުރާނެ ގޮތްތަކާއި ފިހާރަތަކުން ވައްކަން ކުރުމަށް ވަގުން ކޮށްއުޅޭ މަސައްކަތްތަކާއި އެފުރުސަތު ނުދިނުމަށް ވިޔަފާރިކުރާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭ މައުލޫމާތު ދީފައިވެއެވެ.

އަދި ގުޅައިގެން މަކަރާއިހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާއި އެފަދަ ފޯނުކޯލުތައް ދެނެގަންނާނެ ގޮތާއި އެފަދަ ފޯނުކޯލެއް އައިސްފިނަމަ އަމަލު ކުރާނެ ގޮތްތަކާ ގުޅޭ މައުލޫމާތު ދީފައިވެއެވެ. އަދި ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމަށް ފުލުހުންނަށް އެހީތެރިކަން ދިނުމަށް ވިޔަފާރިވެރިންނަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ޕްރޮގްރާމުގައި އިންނަމާދޫގައި ވިޔަފާރިކުރާ ހުރިހާ ފިހާރަތަކަށް ޒިޔާރަތްކޮށްފައިވާއިރު، އިންނަމާދޫގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމަށް އެރަށުގައި ޓްރެފިކް އޮޕަރޭޝަނެއްވެސް ހިންގާފައިވެއެވެ.