Raajje miadhu

ކުރިއަށް މިއޮތް ބަންދު ދުވަސްތަކާ ގުޅިގެން މާލެތެރޭގައި ކުށްކުރުން އިތުރުވެދާނެ ކަމަށް ބަލައި ކުށްމަދު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސައީދު އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވެއްޖެއެވެ.

އީދު ބަންދުގައި ރަށްރަށަށް ފުރައިގެންދާއިރު ސަމާލުވާންވީ ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ރޭ ގެނެސްދިން، ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސައީދު އިތުރަށް ވިދާޅުވީ އާންމުގޮތެއްގައި ހިންގާ ކުށުގެ ބާވަތްތަކާއި ކުށްތައް ހިނގާ ސަރަހައްދުތަކާ އަދި ވަގުތުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކުށްމަދުކުރުމަށް މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމުގައެވެ. އަދި ގޯތިގެދޮރާއި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކުގެ އިތުރުން އޮފީސް ތަކުންވެސް ވައްކަންކުރަމުންދާތީ ވައްކަންކުރިޔަ ނުދިނުމަށް ނުވަތަ ވައްކަންކުރުން މަދަކުރުމަށް މާލެތެރޭގައި ދަންވަރުގެ ވަގުތުތަކުގައިވެސް ފުލުހުން ހަރަކާތްތެރިވަމުންދާ މިންވަރު ބަންދުތެރޭގައި އިތުރުވާނެ ކަމުގައެވެ. އަދި ވައްކަންތައް ހިނގިޔަ ނުދިނުމަށް، ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަންތިބޭ މީހުން އިތުރަށް ހޭލުންތެރި ކުރުވުމަށް މައުލޫމާތު ހިއްސާކުރުމުގެ މަަސައްކަތްވެސް ކުރަމުންދާކަމުގައެވެ. އަދި އާއިލާތަކާ ވަކިން އެކަނި ދިރިއުޅޭ އިސްރަށްވެހިން ފާހަގަކޮށް އެ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލުބަލައި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރުވެސް ފުލުހުން މަސައްކަތް ކުރަމުންދާ ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

އޭގެ އިތުުރުން، ދަތުރުފަތުރުކުރާ އުޅަނދުތަކަށް އަރުވާ އަދި އުޅަނދުތަކުން ބާލާފައިހުންނަ މުދާ ވަގަށް ނަގާ މައްސަލަތައްވެސް ހިނގަމުންދާތީ އޮޑިވެރިންގެ ސަމާލުކަމަށް އެކަން ގެނެސް އެފަދަ ކަންކަން ހިނގިޔަ ނުދިނުމަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ހިއްސާކުރަމުންދާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ސިނަމާލެ ބްރިޖާއި މަގުތައް އަދި ޕާކުތައް ހިމެނޭ ސަހަރައްދުތަކުގެ އިތުުރުން ކަފިހި ހުރަސްތަކުގައިވެސް ޓްރެފިކް ފުލުހުން ބަންދުތެރޭގައި ހަރަކާތްތެރިވަމުންދާ މިންވަރު އިތުރުވާނެކަމުގައި ވިދާޅުވިއެވެ. އަދި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިހުންނަ އުޅަނދުތަކުގެ ސަބަބުން އާންމު ރައްުިތުންނަށް ވަމުންދާ އުނދަގޫތައް ކުޑަކުރުމަށްވެސް ޓްރެފިކް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކޮންސްޓްރަކްޝަން ސައިޓުތަކުގައިތިބޭ ބިދޭސީންނާ ގުޅިގެން ވައްކަންކުރާ މައްސަލަތައްވެސް ހިންގަމުންދާތީ އެފަދަ ކަންކަން ހުއްޓުވުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ޓެކްސީތަކަށް އަމިއްލަ ތަކެތި ދޫކޮށްލެވިގެންވެސް ފުލުހުންނަށް މައްސަލަ ހުށަހެޅޭކަމާ އެހެންކަމުން އެފަދަ ކަންކަން ހިނގިޔަ ނުދިނުމަށް ތިމާގެ އަމިއްލަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް މަސައްކަތްކުރުމަށްވެސް އިލްތިމާސްކުރެއްވިއެވެ. އަދި ގެ ހުސްކޮށްފައި އެންމެން ފުރައިގެންދާނަމަ ގޭގައި އަލިކަމެއް ބެހެއްޓުމާއި ފެން ލިކުވުމާއި ގޭސް ލިކުވުންފަދަ ކަމަކާ ގުޅިގެންވެސް ހާދިސާއެއް ހިނގުމުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރެއްވިއެވެ. އަދި އޮފީސްތަކާއި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުފަދަ ތަންތާގައިވެސް ގިނަ އަދަދަަކަށް ފައިސާ ނުބަހައްޓައި ބެންކަށް ޖަމާކުރުމަށް އިލްތިމާސްކުރެއްވިއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވީ މާލެ ސަރަހައްދުގެ އިތުރުން ކުށްމަދުކުރުމަށް އަތޮޅުތެރޭގައިވެސް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމުގައެވެ. އަދި ކުށްމަދު ކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވަށް މައުލޫމާތު ދިނުމުގެ މަސައްކަތްވެސް ކުރަމުންދާކަމުގައެވެ. އަދި ހާއްސަކޮށް ބަންދުތެރޭގައި ދަތުރުފަތުރު ކުރުން އިތުރުވާނެތީ ކަނޑުމަތީގައި މެރިން ޕޮލިސް ހަރާކާތްތެރިވާ މިންވަރު އިތުރުވާނެކަމުގައެވެ. އަދި އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަންހުރި މިންވަރު ބަލައި އުޅަނދުތަކުގައި އިތުރަށް ރަނގަޅުކުރަންހުރި ކަންކަމުގެ މައުލޫމާތު އޮޑިވެރިންނާ ހިއްސާކުރަމުންދާ ކަމުގައެވެ. އަދި ބަންދުތެރޭގައި ދަތުރު ދިއުމާއި މޫދަށް އެރުންވެސް އިތުރުވާނެތީ ދަތުރު ދިއުމާއި މޫދަށް އެރުމުގައި ސަމާލަތާއި ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދިނުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ހާއްސަކޮށް ކުޑަކުދިން މޫދަށް ގެންދާނަމަ އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމާއި ކުދިން އުޅޭނޫޅޭ ގޮތް ގާތުން ބެލުމަށް އިލްތިމާސްކުރެއްވިއެވެ.

އޭގެ އިތުުރުން، ގެ ހުސްކޮށްފައިދާނަމަ ގެ ބެލެހެއްޓުން ޒިންމާދާރުފަރާތަކާ ހަވާލުކުރުމާއި، ދަޅުދަނޑި ބޭރުގައި ނުބޭއްވުމަށާއި، ވައިގޮޅިއާ ދިމާއަށް ހުންނަ ދޮރުތަކާއި ހާއްސަކޮށް ފާހާނަ ފެންލައިޓުން ވަދެގެންވެސް ވައްކަންކުރާކަމާ އެހެންކަމުން ވަގުންނަށް ނުވަދެވޭނެފަދަ ގޮތަކަށް ފެންލައިޓުތައްވެސް ބަންދުކުރުމާއި ގޭގެ ކުޑަދޮރުތައްވެސް ރަނގަޅަށް ތަޅުލުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ޕޮރޮމޯޝަންތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާހޯދުމުގެ ފޯނުކޯލުތައްވެސް އަންނާނެ ކަމާއި އެކަންކަމުން ސަލާމަތްވުމަށްވެސް އިލްތިމާސްކުރެއްވިއެވެ.