police 84

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ބ. ކަމަދޫ އަދި ށ. މިލަންދޫގައި ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން، މިލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ކުޅުދުއްފުށިން ށ. އަތޮޅު ފީވަކަށާއި މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި ޖުލައި މަހުގެ 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 34 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. އިންޓެލިޖެންސާއި، މިލަންދޫ ޕޮލިސް އަދި ފީވަކު ޕޮލިސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި މިލަންދޫ ބަނދަރުމަތިން އެ ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ  އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި 31 ސެލޯފިންކޮޅު ފެނިފައިވެއެވެ.

ކަމަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ކަމަދުއަށް ދަތުރުކުރަމުންދާ ދޯންޏަކުން އެ ރަށަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަދޫ ޕޮލިސް އާއި އޭދަފުށި ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި ޖުލައި މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކަމަދޫ ބަނދަރުމަތިން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކަމަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.