viber_image_2021-06-20_16-09-00

ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތ. މަޑިފުށި ޕޮލިސް ސްޓޭޝަނުން އެރަށުގެ ބެލެނިވެރިން ހޭލުންތެރި ކުރުމުގެ ގޮތުން “ޒިންމާ” މި ނަމުގައި ޕްރޮގްރާމެއް ހިންގައިފިއެވެ.

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި، ދަރިން ތަރުބިއްޔަތު ކުރުމުގައި ނޭނގިނަމަވެސް ބެލެނިވެރިންނަށް ހެދޭ ގޯސްތަކާއި އެކަންކަން ހައްލު ކުރާނެ ގޮތްތަކުގެ އިތުރުން ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ޒިންމާއާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. އަދި ދަރިން ހެެދިބޮޑުވުމުގައި އަންނަ ބަދަލުތައް ދެނެގަންނާނެ ގޮތްތަކާއި ދަރިންނާ ވާހަކަ ދެއްކުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ބުނެދީފައިވެއެވެ.

އޭގެ އިތުރުން މުޖުތަމައުގައި ހިނގާ ތަފާތު ކުށްތަކާއި ކުޑަކުދިން ކުށުގެ ވެއްޓާ ގުޅޭ ސަބަބުތަކާއި އެކަންކަން ހުއްޓުވުމަށް އެޅެންހުރި ފިޔަވަޅުތަކުގެ އިތުރުން ދަރިންގެ ތައުލީމީ ހަޔާތް ކާމިޔާބު ކުރުމުގައި މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެ ޕްރޮގްރާމުގައި ވަކިވަކީން ކުރިއަށް ގެންދިޔަ ތިން ސެޝަނުގައި މަޑިފުށީ ސްކޫލުގެ 150 އަށް ވުރެގިނަ ބެލެނިވެރިން ބައިވެރިވެފައިވާއިރު ސެޝަންތައް ނަގައިދީފައިވަނީ މަޑިފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.