police-54

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި، ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި، ށ. ފުނަދޫ ޕޮލިސް ސްޓޭޝަން އަދި ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަތަކުގައި ހައްޔަރު ކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއްގެ އިތުރުން 41 އަހަރުގެ ފިރިހެނެކެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.

އެގޮތުން، މަސްތުވާތަކެތި ހިފައިގެން މީހަކު ކުޅުދުއްފުށިން ފުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 19 ވަނަ ދުވަހުގެ 11:59 ހާއިރު ކުޅުދުއްފުށީ ބަނދަރު މަތިން 41 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާ ހިފައިގެންހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި  ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

އޭގެ އިތުުރުން، ށ. ފުނަދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން  ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ފުނަދޫ ގެއެއް ބަލައިފާސްކޮށް މި މަހުގެ 18 ވަނަ ދުވަހުގެ 10:28 ހާއިރު 33 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވެއެވެ. މި އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގޯތިތެރޭގައި ވަޅުލާފައި އޮތް ދަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ. ފީވަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

އެ މީހުންގެ ތެރެއިން 18 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ކަނޑުމަގުން އުނގޫފާރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 16 ވަނަ ދުވަހުގެ 13:30 ހާއިރު އުނގޫފާރު ބަނދަރުމަތިންނެވެ. އޭނާ ހުއްޓުވައި އޭނާގެ ހަށިގަނޑާއި އޭނާ ދަތުރުކުރި ލޯންޗު ބަލައިފާސްކުރިއިރު ލޯންޗުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި 10 ސެލޯފިންކޮޅާއި 30 ކަރުދާސްކޮޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް، މިނސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ގދ. ނަޑެއްލާ ގެއެއްގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތިނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ނަޑެއްލާ ގެއެއް ބަލައިފާސްކޮށް 32 އަހަރުގެ މީހަކު  މަހުގެ 15 ވަނަ ދުވަހުގެ 08:03 ހާއިރު ހައްޔަރު ކޮށްފައިވެއެވެ. އެ އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި އޭނާގެ ހަށިގަނޑުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު ހޯދާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ނަޑެއްލާ މެޖިސްޓްރޭޓް ކޯޓަށް ހާޒިކުރުމުން، މިނސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި ހުރިހާ މައްސަލަތަކެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.