Raajje Miadhu

މިދިޔަ އަހަރުން ފެށިގެން މި ހިނގާ ޖޫން މަހުގެ 16 އާ ހަމައަށް 7.4 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން މަކަރާއި ހީލަތުން އަތުލާފައިވާކަމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒު އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވެއްޖެއެވެ.

އެ ދެ ބޭފުޅުން އެހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާގެ ޕީއެސްއެމް ނިއުސްއިން ރޭ ގެނެސްދިން ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެ ބޭފުޅުން އިތުރަށް ވިދާޅުވީ 2020 ވަނަ އަހަރު އެކަނިވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 226 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކުގައި 3.5 މިލިއަން ރުފިޔާ އޮޅުވާލައިގެން އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށް ފުލުހުންގެ ތަހުގީގުތަކަށް ފާހަގަކުރެވޭ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް އެފަދަ 259 މައްސަލައެއް ހުށަހެޅިފައިވާއިރު އެ މައްސަލަތަކުގައި 3.9 މިލިއަން ރުފިޔާ އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށެވެ. އަދި އެގޮތަށް ފައިސާ އަތުލަމުންދަނީ އެކި މީހުންގެ ނަމުގައާއި ފިހާރަތަކާއި ޖަމިއްޔާތައް އަދި ކުންފުނިތަކުގެ ނަމުގައި އެކި މީހުންނަށް ގުޅައިގެންކަމުުގައި ފާހަގަކުރެއްވިއެވެ. އަދި މިފަދަ މައްސަލަތައް ކޮވިޑް ތެރޭގައި އިތުރުވެފައިވާ ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، މަކަރާއި ހީލަތުގެ އެފަދަ މުއާމަލާތްތައް މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެންއައިއިރު ރެންޑަމްކޮށް މީހުންނަށް ގުޅައިގެން ފައިސާ އަތުލަމުންދިޔަކަން ފާހަގަކުރެވޭ ކަމަށާ އެހެންނަމަވެސް މިހާރު މަކަރުވެރިން އެފަދަ ކަންކަން ހިންގަމުންދަނީ ވަރަށް ރޭވުންތެރިކަމާއެކުގައިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކުންފުނިތަކުގެ ލިޔެކިއުންތައް ހަދައި އެ ކުންފުނިތަކުގެ ނަމުގައިވެސް މިހާރު މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަމަށާއި ފައިސާގެ ތަނަވަސްކަން ހުރި މީހުންނަށް އަމާޒުކޮށް މިހާރު މިކަން ކުރަމުންދާކަމުގައިވެސް ފާހަގަ ކުރެއްވިއެވެ.

އެ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެ ބޭފުޅުން އިތުރަށް ވިދާޅުވީ އާންމުގޮތެއްގައި ޖަލުން އަންނަ އެފަދަ ކޯލު ތަކުގައި ބޭނުންކުރާ ނަމްބަރުތައް ހުންނަނީ ބިދޭސީންގެ ނަމުގައި ކަމާއި އެކަކުގެ ނަމުގައި 800 ވަރަކަށް ނަމްބަރު ނަގާފައި ހުންނަކަން ފާހަގަކުރެވޭ ކަމުގައެވެ. އެހެންކަމުން އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައާއި މައްސަލައިގައި ހިމެނޭ މީހުން ދެނެގަތުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށާއި އެފަދަ މައްސަލަތަކުގައި ފައިސާތައް އަނބުރާ ހޯދެނީވެސް މަދު މައްސަލަތަކެއްގައި ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅަމުންދާ މައްސަލަތައް މާފުށީ ޖަލުގެ އިތުރުން މިހާރު ޅ. އަތޮޅާއި ލ. އަތޮޅު އަދި އައްޑު އަތޮޅުގައިވެސް އިތުރުވަމުންދާކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެކަމުގައި ހަރަކާތްތެރިވަމުންދަނީ ޖަލުން މިނިވަން ވެފައިވާ މީހުންކަމުގައިވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކޮންމެ މީހަކުވިޔަސް ފައިސާގެ ބޮޑެތި މުއާމަލާތުތައް ކުރާއިރު އެއީ ކާކުކަން ނުވަތަ ކޮންބައެއްކަން ދެނެގަތުމަށާ އަދި އެ މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމަށް އިލްތިމާސްކުރެއްވިއެވެ.

އޭގެ އިތުރުން، ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ސްލިޕް ފޮނުވަމުންދާ މައްސަލަތައް ހުށަހެޅެމުންދާ ކަމުގައިވެސް ފާހަގަކުރެއްވިއެވެ. އެގޮތުން، އެ މީހުން ފުރަތަމަ ފިހާރައަށްގޮސް ތަކެތީގެ އަގު ބަލައި އެނބުރިގޮސް ދެން އަލުން ފިހާރައަށްދަނީ އެ އަގުތައް ހިމަނައިގެން ސައްހަނޫން ސްލިޕް ތައްޔާރުކޮށްގެންކަމުގައި ފާހަގަކުރެއްވިއެވެ. އަދި ފިހާރައިން ތަކެތި ނެގުމަށްފަހު، މަކަރުވެރިޔާ ތައްޔާރުކޮށްގެންދިޔަ ސައްހަނޫން ސްލިޕް ފިހާރައިގެ ނަމްބަރަށް ވައިބަރކުރާކަމުގައިވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަދަ ކަންކަމުން ރައްކާތެރިވުމަށް ފިހާރަތަކުންވެސް ހާއްސަ ސަމާލުކަމެއްދިނުމަށާއި ތަކެތި ހަވާލުކުރުމުގެ ކުރިން އެ ފައިސާ ފިހާރައިގެ އެކައުންޓަށް ޖަމާވެފައިހުރިތޯ ޔަގީންކުރުމަށް އިލްތިމާސްކުރެއްވިއެވެ.

އަދިވެސް އޭގެ އިތުރުން، ޑޮލަރުގެ މުއާމަލާތްތައް ހިންގުމުގައިވެސް މަކަރާއި ހީލަތް ހަދަމުންދާ ކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ވައިބަރ އަދި ޓެލެގްރާމް ގްރޫޕްތަކުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާކަމާއި ޑޮލަރު ދޭނެކަމަށްބުނެ ދިވެހި ރުފިޔާ އަތުލުމަށްފަހު ޑޮލަރު ނުދޭ މައްސަލަތައްވެސް ހުށަހެޅެމުންދާކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ޑޮލަރުގެ މުއާމަލާތްތަކާ ގުޅުންހުރި 72 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަަތަކުގައި 1.4 މިލިއަން ރުފިޔާގެ ގެއްލުން އެކި މީހުންނަށް ވެފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

އަދި ފިހާރަތަކާއި ރިސޯޓުތަކަށް މުދާ ފޮނުވުމުގައިވެސް މަކަރާއި ހީލަތް ހަދަމުންދާ ކަމުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަދަ ކަންކަމުން ތިމާއާއި އަނެކުންވެސް ސަލާމަތްކުރުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ. އެގޮތުން ކާޑުގެ މައުލޫމާތު ހޯދުމަށް ބެންކުން ނުވަތަ އެހެން އޮފީހަކުންވެސް ނުގުޅާނެކަން ހަނދާނުގައި ބެއްޓުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ކާކުކަން ނޭނގި ފައިސާގެ މުއާމަލާތުތައް ނުކުރުމަށާއި ކާޑުގެ މައުލޫމާތު ހިއްސާނުކުރުމަށާއި ކާޑުގެ މައުލޫމާތު އޮޅުންފިލުވާ ހިސާބުން ދެން އިތުރަށް އެމީހަކާ މުއާމަލާތު ނުކުރުމަށްވެސް އިލްތިމާސްކުރެއްވިއެވެ.