Black mail pic

މީހެއްގެ ނުރުހުމުގައި ވަކިކަމެއް ކުރުމަށް އޭނާއަށް އަންގައި، އެކަން އޭނާ ނުކޮށްފިނަމަ އޭނާއަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ނުވަތަ ނިކަމެތިކަމެއް ލިބޭނެ ޒާތުގެ އަމަލެއް ހިންގާނެކަމުގެ ބިރު ދެއްކުން ނުވަތަ މީހަކު ކުރި ކުށެއް އަންގަންވާ ފަރާތަށް ނާންގައި، އެކަމުގެ މައުލޫމާތު ބޭނުންކޮށްގެން އޭނާގެ ކިބައިން އޭނާގެ ނުރުހުމުގައި މަންފާ ހޯދުމުގެ މައްސަލަތަކަކީ މި ދިވެހި މުޖުތަމައުގައިވެސް އާންމު މައްސަލަތަކެކެވެ.

ދައްކަން މިއުޅޭނީ ބްލެކް މެއިލް ކުރުމުގެ މައްސަލަތަކުގެ ވާހަކައެވެ. ބްލެކް މެއިލް ކުރުމުގެ މައްސަލަތައް އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމައުގައި ހިނގަމުންދަނީ ކަންބޮޑުވާ މިންވަރަށެވެ. އެކަމުގެ މަޅީގައި އަންހެނުންނާއި ފިރިހެނުންގެ އިތުރުން 18 އަހަރުން ދަށުގެ ކުދިންވެސްދަނީ ޖެހެމުންނެވެ.

ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތަކަށް ބަލާއިރު ބްލެކްމެއިލް ކުރުމުގެ ދެ މައްސަލަ ހަފްތާއެއްގެ ތެރޭގައި ހުށަހެޅެމުންދެއެވެ.

ނަހަމަ ގޮތުގައި ބޭނުންކުރެވިދާނެފަދަ ފޮޓޯއާއި ވީޑިއޯ ނުފޮނުވާ

ދެ މީހެއްގެ މެދުގައި ގުޅުމެއް އުފެދި އިތުބާރުކުރެވޭ ހިސާބަށް ދިއަޔަސް އިތުރު މީހަކާ ހިއްސާކޮށްގެން ނުވާނެ ނުވަތަ ހިއްސާކުރަން ނުޖެހޭނެ ތިމާގެ އަމިއްލަ މައުލޫމާތާއި ކަންކަން ހުންނާނެއެވެ. މިކަމުގައި ވަކި ޖިންސެއް ތަފާތެއްނެތެވެ. ވާހަކަ ދައްކާ މީހަކަށް ނުވަތަ ލޯބީގެ ގޮތުން ގުޅިގެންއުޅޭ މީހާއަށް އިތުބާރުކޮށްފައި ފޮނުވާލެވޭ އެންމެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއްގެ ސަބަބުންވެސް މުޅި ދިރިއުޅުން އެބަ ބަނަވެއެވެ. މަކަރުވެރިޔާ އެ ފޮޓޯ ނުވަތަ ވީޑިއޯ ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ނަގަންފަށައެވެ. އޭނާ ބުނާ ކަންކަން ނުކޮށްފިނަމަ ނުވަތަ ބުނާ ވަރަކަށް ފައިސާ ނުދީފިނަމަ ފޮޓޯ ނުވަތަ ވީޑިއޯ މީސްމީޑިއާގައި އާންމުކުރާނެ ކަމުގެ އިންޒާރުދީ ބިރުދައްކައެވެ. އެކަމުގެ ސަބަބުން ފޫނުބެއްދޭވަރުގެ ގެއްލުންތައް ލިބެއެވެ. މާލީ ގޮތުންނެވެ. ނަފްސާނީގޮތުންނެވެ.

ތަރައްގީވެފައިމިވާ ޒަމާނުގައި ދުނިޔޭގެ ކޮންމެ ހިސާބެއްގެ ކޮންމެ ކަމެއްވެސް މީސްމީޑިއާގެ އެހީގައި ބަލައިލެވެއެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކާވެސް ދަތިކަމެއްނެތި ވާހަކަދައްކާލެވެއެވެ. އެހާވެސް ފަސޭހައެވެ. އެހެން ނަމަވެސް މަކަރުވެރިންގެ ދަލުގައި ނުޖެހި ސަލާމަތްވުމަށް ކޮންމެ މީހަކުވެސް މަސައްކަތްކުރަން އެބަޖެހެއެވެ. ކުރެވޭނެ ކަންކަންވެސް އެބަހުއްޓެވެ. އެފަދަ ކަމެއް ހިނގާފާނެ ނުވަތަ އެފަދަ ކަމަކަށް މަގުފަހިވެދާނެ ފަދަ ކަންކަމުން ކޮންމެ މީހަކުވެސް ދުރުހެލިވަމާ ހިނގާށެވެ. އަދި ވިސްނާނުލާ ކުރެވޭ ކަމަކުން ނަމަވެސް އެފަދަ ކަމެއް ހިނގައިފިނަމަ އެކަމެއް ސިއްރުނުކޮށް އެ މައްސަލައެއް ކަމާގުޅުންހުރި އިދާރާއާކަށް ހުށަހަޅާށެވެ. އަމިއްލައަށް މައްސަލަ ހުށަހަޅަން ނުކެރޭނަމަ އިތުބާރުކުރެވޭ މީހަކާ އެކަމެއް ހިއްސާކޮށް އެމީހެއްގެ އެހީތެރިކަމާއެކުވިޔަސް އެ މައްސަލައެއް ހުށަހަޅައި އެކަމުން ސަލާމަތްވުމަށް މަސައްކަތް ކުރާށެވެ.

މަކަރުވެރިންގެ މަޅީގައި ކުޑަކުދިން

ބޮޑެތި މީހުންގެ އިތުރުން 18 އަހަރުން ދަށުގެ ކުދިންވެސް މިފަދަ ކަންކަމަށް ހުށަހެޅެއެވެ. މިފަދަ ކަންކަމުން ކުދިން ސަލާމަތްކުރުމުގައި ބެލެނިވެރިންގެ ޒިންމާ ވަކި ކުޑައެއް ނޫނެވެ. އެހެންކަމުން، ކުދިން މީސްމީޑިއާ ބޭނުންކުރާއިރު ބެލެނިވެރިން ހާއްސަ ސަމާލުކަމެއް އެ ކުދިންނަށް ދެމާ ހިނގާށެވެ. ކުދިންކުރާ ކަންކަން ބަލައި، މަކަރުވެރިންގެ ކިބައިން އެ ކުދިން ރައްކާތެރި ކުރަމާ ހިނގާށެވެ. މީސްމިޑިއާގައި ކުދިން އުޅޭ ނޫޅޭގޮތް އެންމެ ގާތުން ބެލޭނެ ބަޔަކީ ހަމަ އެ ކުދިންގެ ބެލެނިވެރިންނެވެ. ކުދިންގެ އުމުރާ އެކަށީގެންނުވާވަރުގެ މިނިވަންކަން ކުދިންނަށް ދެވިފައި އެބަވޭތޯ ކޮންމެ ބެލެނިވެރިއަކުވެސް ވިސްނާލަމާ ހިނގާށެވެ. އެހެންކަމަށްވާނަމަ ގެއްލިގެން ނުދަނީސް ކުއްޖާ ސަލާމަތްކުރަމާ ހިނގާށެވެ. މީހުންނާ ހިއްސާކޮށްގެންނުވާނެ މައުލޫމާތާއި ކަންކަން ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދެމާ ހިނގާށެވެ. ވަކިން ހާއްސަކޮށް ވަކި ބާވަތެއްގެ ފޮޓޯ ނުވަތަ ވީޑިއޯ ފޮނުވުމަށް މީހަކު އެދުނުކަމުގައިވިޔަސް އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވެ އެފަދަ ކަންކަމުގެ ސަބަބުން ނުކުމެދާނެ ނޭދެވޭ ނަތީޖާ ކުދިންގެ އުމުރާގުޅޭގޮތަށް ބުނެދެމާ ހިނގާށެވެ. ކަންކަން ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރާނެފަދަ ގާތް ގުޅުމެއް ކުދިންނާއެކު އުފައްދަމާ ހިނގާށެވެ. ވަކިން ހާއްސަ ސަމާލުކަމެއް ފުރާވަރު އުމުރުގެ ކުދިންނަށް ދެމާ ހިނގާށެވެ.

ބްލެކްމެއިލް ކުރުމުގެ ކަމެއް ހިނގާނަމަ ނުވަތަ އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންއަށް ރިޕޯޓު ކުރައްވާ: 3034417، 3000600، 9790163