Cycle

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަންގައި ބޭނުން ކުރުމަށް 10 އެއަރ ބްލޭޑް ސައިކަލް ހަދިޔާކޮށްފިއެވެ.

މި ސައިކަލްތައް ހަދިޔާކޮށްފައިވަނީ މެއި 27 ވަނަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލްކޯ ބޯޑުގެ ވައިސް ޗެއަރމަން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދުއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ސައިކަލްތަކާއި ޙަވާލުވެވަޑައިގެންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އެވެ.

މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު ދެއްކެވި ވާހަކަފުޅުގައި ޕޮލްކޯގެ ބޯޑުން އިސްނަގައިގެން ދިވެހި ފުލުހުންގެ ޚިދުމަތަށް މިފަދަ އެހީތެރިކަމެއް ފޯރުކޮށްދިންކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި މިއީ ކޯޕަރޭޓިވް ސޮސައިޓީއެއް އޮތުމުގެ ބޭނުންކަމަށް ފާހަގަކުރައްވަމުން ކުރިއަށް އޮތް ތަނުގައިވެސް ޕޮލްކޯއާއި ޕޮލްކޯގެ ދަށުން ހިންގާ ވިޔަފާރިތަކުން މުއައްސަސާއަށް މިފަދަ އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މި ސައިކަލްތައް ބޭނުންކުރާ ޑިޕާޓްމަންޓުތަކުން މިތަކެތި ގިނަ ދުވަހު ބޭނުން ކުރެވޭނެ ގޮތަކަށް ރަނގަޅަށް ބަލަހައްޓައި، މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ކޮންމެ އަހަރަކުވެސް ޕޮލްކޯގެ ފަރާތުން މުއައްސަސާއަށާއި ފުލުހުންނަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.  އެގޮތުން މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ބޭސްފަރުވާ ކުރުމާއި، މުވައްޒަފުންގެ އާއިލާތަކަށް ދިމާވާ ބޮޑެތި ކަންކަމަށް އެހިތެރިކަން ފޯރުކޮށްދިނުމާއި، ފުލުހުންގެ ޚިދުމަތުގައި އުޅެނިކޮށް ޝަހީދުވެފައިވާ ފަރާތްތަކުގެ އާއިލާއަށް ދެވޭ ފައިސާއާއި، ފަރުޟު ޙައްޖު އަދާކުރުމަށް ކުރެވޭ ހަރަދާއި، ފުލުހުންގެ މިސްކިތްތަކުގައި އިމާމުވެ ހުކުރުކުރާ ފަރާތްތަކަށް ދެވޭ އެލެވެންސްއާއި، ޕޮލިސް ކްލަބަށް ކުރެވޭ ހަރަދުގެ އިތުރުން މުއައްސަސާގެ ބޭނުމަށް ހޯދަންޖެހޭ ބައެއްތަކެއްޗާއި ހިދުމަތްތައް ހޯދުމަށް ކުރެވޭ ހަރަދުތައް ޕޮލްކޯގެ ފަރާތުން ދަނީ ހަމަޖައްސައި، އެހީތެރިކަން ފޯރުކޮށްދެމުންވެ.