ނިލަންދޫ

ގއ. ނިލަންދޫ ޕޮލިސް ޑެސްކާއި ނިލަންދޫ ކައުންސިލް ގުޅިގެން، އެރަށުގައި އޮޑިދޯނިފަހަރު ދުއްވާ ކެޔޮޅުންނާއި ލޯންޗު ތަކުގެ ކައްޕިންނާ ބައްދަލުކޮށް މައުލޫމާތު ދީފިއެވެ

ނިލަންދޫ ކައުންސިލް އިދާރައިގައި މިމަހު 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމަކީ ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް 19 އާ ގުޅިގެން، ނިލަންދޫގައި ދުއްވާ އޮޑިދޯނި ފަހަރުގެ ކެޔޮޅުންނާއި ލޯންޗު ކައްޕިން ހޭލުންތެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި މައުލޫމާތުދީފައިވަނީ މަހަށް ނިކުމެ އުޅޭއިރާއި މަސް ކިރުމުގައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާ ގައިޑްލައިނަށް އަމަލު ކުރުމާ ގުޅޭގޮތުންނެވެ. މިިގޮތުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު ޒަރޫރީ ބޭނުންމެއްގައި ނޫން ގޮތަކަށް އެއްވެސް ރަށަކަށް ނުފޭބުމަށާއި ހާއްސަކޮށް ގއ. ކޫއްޑުއަށް މަސްކިރަން ގޮސް އުޅޭއުޅުމުގައި ވެސް ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައިވެއެވެ.

އެ ބައްދަލުވުމުގައި، ނިލަންދޫ ޑެސްކުގެ ފުލުހުންނާއި، ރަށު ކައުންސިލު މެމްބަރުންގެ އިތުރުން އެ ރަށުގައި ދުއްވާ އޮޑިދޯނިފަހަރުގެ ކެޔޮޅުންނާއި ލޯންޗު ދުއްވާ ކައްޕިން ބައިވެރި ވިއެވެ.