himmafushi-bangura 1

ވައްކަމާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންމަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ކ. އަތޮޅު ރިސޯޓަކުން ވަގަށް ނެގި ބަނގުރާ ފުޅިތަކެއް އަތުލައިގެންފިއެވެ.

ރިސޯޓަކުން ބަނގުރާ ފުޅިތަކެއް ވަގަށް ނަގައިގެން އެ ރިސޯޓުން ބޭރު ކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ 11:45 ހާއިރު އެ ރިސޯޓުގެ ވޯޓަރވިލާ ޖެޓީ މަތިންނެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް 53 ފުޅި ބަނގުރާއާއި 12 ދަޅު ބިޔަރު ގެނެސްފައިވެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މި މައްސަލަ ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.