police 76

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ހިންގި ތިން އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެ އޮޕަރޭޝަން ތަކުގައި ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިނެއްގެ އިތުރުން 39 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންނަކީވެސް ދިވެހިންނެވެ.

އެ ތިން މީހުންގެ ތެރެއިން 23 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ގދ. ވާދުއަށް ޑިންގީއެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މެއި މަހުގެ 10 ވަނަ ދުވަހުއެވެ. އެ އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް އެ ޑިންގީ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

31 އަހަރުގެ މީހާއާއި 39 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ނ. ކެނދިކުޅުދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 9 ވަނަ ދުވަހުގެ ރެއެވެ. އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ކަރުދާސްކޮޅު ފެނިފައިވެއެވެ.

އޭގެ އިތުރުން، އައްޑޫސިޓި ގަން ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްޑޫސިޓީ ފޭދޫގެ ފަޅު ގެއެއްގެ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.