police 75

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ، ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނާއި، ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނާއި، ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި ހދ. ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުގެ އިތުރުން ނ. ލަންދޫ ޕޮލިސް ސްޓޭޝަނާއި މަނަދޫ ޕޮލިސް ސްޓޭޝަނާއި، ށ. މިލަންދޫ ޕޮލިސް ސްޓޭޝަނާއި، ގއ. ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންތަކެއްގައި ބަނގުރާއާއެކު ހަތަރު މީހަކު އަދި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

އެ ރަށްރަށުގައި ވަކިވަކީން ހިންގި އެ އޮޕަރޭޝަންތަކުގެ ތެރެއިން ކ. ހިންމަފުށީގައި ހިންގި އޮޕަރޭޝަނަކީ އެ ރަށު ގެއެއްގައި ހަތަރު މީހަކު ބަނގުރާ ބޯން ތިބިކަމަށް ހިންމަފުށި ޕޮލިސް ސްޓޭޝަނަށް މައުލޫމާތު ލިބުމާ ގުޅިގެން ރޭ ދަންވަރު ހިންގި އޮޕަރޭޝަނެކެވެ. ރޭ 02:10 ހާއިރު ހިންގި އެ އޮޕަރޭޝަނުގައި ހަތް ފުޅި ބަނގުރާއާއެކު 21 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެއްގެ އިތުރުން 29 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވެއެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހިންނެވެ.

ލ. ފޮނަދޫގައި ހިންގި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މެއި މަހުގެ 8 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށު އެސްޓީއޯ ފިހާރަ ގުދަން ހުންނަ ސަރަހައްދު މަގުމަތި ބަލަައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އޭގެ އިތުުރން، ގއ. ކަނޑުހުޅުދޫގައި ދުއްވާ ފެރީއެއްގައި ގޮތްނޭނގޭ ފޮށިގަނޑެއް ހުރިކަމަށް މި މެއި މަހުގެ 8 ވަނަ ދުވަހު ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ގޮސް ފޮށިގަނޑު ކަނޑައިބެލިއިރު އެ ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

ތ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވެއެވެ. އެނާ ހައްޔަރު ކޮށްފައިވަނީ އޭނާގެ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އޭނާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނުމާ ގުޅިގެން މި މެއި މަހުގެ 7 ވަނަ ދުވަހުއެވެ.

އޭގެ އިތުރުން، މާލެއިން ފުރައިގެން ހދ. ނޭކުރެންދުއަށް ދަތުރުކުރި ބޯޓެއްގައި މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ އަތުގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެން މި  މެއި މަހުގެ 7 ވަނަ ދުވަހު ނޭކުރެންދޫ ބަނދަރު މަތިންނެވެ.

އަދި ނ. ޅޮހީގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ޅޮހީ ކުނިގޮނޑު ސަރަހައްދުން މި މެއި މަހުގެ 7 ވަނަ ދުވަހު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި ދެ ރަބަރު ޕެކެޓު ހޯދާފައިވެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރު ކޮށްފައވަނީ އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު ފެނުމާ ގުޅިގެން މި މެއި މަހުގެ 6 ވަނަ ދުވަހުއެވެ.

އަދި ނ. ލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި މެއި މަހުގެ 6 ވަނަ ދުވަހު ކެނދިކުޅުދޫ ދޯންޏެއްގައި ހުރި ފޮށިގަނޑަކުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ހޯދާފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.