viber_image_2021-05-04_12-33-07

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ޓްރާންސްޕޯޓް ސަރވިސް ޑިވިޜަނާއި، ބަސް ޔުނިޓްގެ މުވައްޒަފުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް  އިތުރަށް އަހުލުވެރި ކުރުވުމުގެ ގޮތުން، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ހިނގާ މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމަކީ އެމްޓީސީސީ އެދުމުގެމަތިން، އެ ކުންފުނީގެ އުޅަނދު ދުއްވާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިތުރަށް އަހުލުވެރި ކުރުވުމުގެ ގޮތުން އެމްޓީސީސީ މީޓިންގރޫމްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. އެ ޕްރޮގްރާމުގައި ޓްރާސްޕޯޓް ސަރވިސް ޑިވިޜަނާއި، ބަސް ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭހެން ޖުމުލަ 31 މުވައްޒަފުން ބައިވެރިވިއެވެ.

viber_image_2021-05-03_10-53-03

އެ ޕްރޮގްރާމުގެ ސެޝަންތަކުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މިހާރު އައިސްފައިވާ ހަތަރުވަނަ އިސްލާހުގައި ހުރި ކަންކަމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމުގެ ގޮތްތަކާއި، އުޅަނދު ދުއްވާއިރު މަގުމަތިން ދިމާވާ އުނދަގޫތަކާއި، މަގުމަތީގައި އެކްސިޑެންޓެއް ހިނގައިފިނަމަ އަމަލު ކުރާނެ ގޮތްތަކާ ގުޅޭ މުހިންމު މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން އުޅަނދު ދުއްވާ ފަރާތްތަކުން ސާފުކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުންވެސް އެ ޕްރޮގްރާމުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

އެ ޕްރޮގްރާމުގައި ސެޝަންތައް ނަގައިދީފައިވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މިފަދަ ޕްރޮގްރާމުތައް ހިންގުމުގެ ތަމްރީނު ލިބިފައިވާ ފުލުހުންނެވެ.