Dhorutha

މާލޭގެ ގުދަނަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި އެތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

މި އޭޕްރީލް މަހުގެ 26 ވަނަ ދުވަހު މާލޭގެ ގުދަނަކުން ދޮރުފަތްތަކަކާއި ދޮރު ކަނިތަކެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން އެތަކެތި ހޯދާފައިވަނީ އެތަކެތި އެހެން މީހަކަށް ވިއްކާލާފައިވަނިކޮށް އޭޕްރީލް 27 ވަނަ ދުވަހުއެވެ. މިތަކެތި ފެނިފައިވަނީ އެގުދަން ހިިމެނޭ ސަރަހައްދުގެ ގެއެއްގެ ތެރެއިންނެވެ.

ވަގަށް ނަގާފައިވަނިކޮށް ހޯދާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ލަނޑު ދޮރުފަތަކާއި ސޮލިޑް ފައިބަރު 14 ދޮރުފަތާއި ދޮރު ކަންޏާއި  ފާހާނާ ދޮރުފަތުގެ ޕްލާސްޓިކް ދެ ދޮރުފަތެވެ. މި ތަކެތި މިހާރުވަނީ އެތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.