Traffic

މާލެ ސިޓީގެ ޓެކްސީ ސެންޓަރުތަކުގެ އިސްވެރިންނާއެކު ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

މި އެޕްރީލް މަހުގެ 26 ވަނަ ދުވަހު އިސްކަންދަރު ކޮށީގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމަކީ ޓެކްސީގެ ހިދުމަތާ ގުޅޭގޮތުން އާއްމުންގެ ބައެއް ޝަކުވާތައް އަންނަމުންދާތީ އެކަންކަން ހައްލުކުރުމަށް މަޝްވަރާ ކުރުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

އެގޮތުން، ޓެކްސީ ޑްރައިވަރުންނާ ގުޅޭގޮތުން އާއްމުންގެ ފަރާތުން ފުލުހުންނަށް ލިބިފައިވާޝަކުވާތައް ހިއްސާކޮށް އެކަންކަން ހައްލުކުރުމަށް މަޝްވަރާކޮށްފައިވެއެވެ. އޭގެ އިތުރުން، ރަމަޟާން މަހުގައި ޓެކްސީތައް ގަވާއިދާ ހިލާފަށް ޕާކުކުރުމާއި މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ޕާކުކުރަމުންދާތީ އެ ކަންކަން އެގޮތަށް ނުކުރުމަށް ޓެކްސީ ސެންޓަރުތަކުގެ ކިބައިން އެދިފައިވެއެވެ.

އެ ބައްދަލުވުމުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝަހީމާއި، ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އިލްޔާސް ޢަބްދުﷲއާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ތަލްޙަތު އަހުމަދުގެ އިތުރުން ޓެކްސީ ސެންޓަރުތަކުގެ ވެރިން ބައިވެރިވިއެވެ.