ރައްކާ، ކުރެހުމުގެ މުބާރާތް 2021

ސާޖަންޓް ޙުސައިން މުއާޛް
viber_image_2021-04-27_11-35-09

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެލައިޑް އިންޝުއަރެންސް ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯވްގެ ތެރެއިން ރައްކާ ކުރެހުމުގެ މުބާރާތް 2021ގެ ނަމުގައި މުބާރާތެއް ފަށައިފިއެވެ.

މި މުބާރާތަކީ 10 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންގެ މެދުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށް ގެންދެވޭ މުބާރާތެކެވެ. މުބާރާތަށް ހުށައަޅާ ކުރެހުންތައް ސޯޝަލް މީޑިއާގައި ރޯޑްސޭފްޓީ އެވެއަރނަސް ޕޯސްޓުގެ ގޮތުގައި އަދި ސެޝަންތަކުގައި ހުށަހަޅާ ޕްރެޒެންޓޭޝަން ތަކުގައިވެސް ބޭނުންކުރުމަށް ހަމަޖެހިފައިވެއެވެ.

މި މުބާރާތުގެ ތީމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމެވެ.

މި މުބާރާތަކީ ވަނަތަކަށް ހޮވޭ ކުދިންނަށް އިނާމާއި ސެޓްފިކެޓް ދޭގޮތަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި އެއްވަނައަށް 1000 ރުފިޔާ، ދެވަނައަށް 400 ރުފިޔާ އަދި ތިންވަނައަށް 300 ރުފިޔާ ދިނުމަށް ވަނީ ހަމަ ޖެހިފައެވެ.

މި މުބާރާތުގައި ހުށަހަޅާ ކުރެހުންތަކަށް ޕޮއިންޓް ދޭގޮތް:

މިމުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް ފޭސްބުކުގައި ހިއްސާކުރެވޭނެއެވެ. އަދި ކުރެހުމަށް ލިބޭ ލައިކްސް އާއި ޝެއަރގެ ނިސްބަތުން ޖުމްލަ ލިބޭ ޕޮއިންޓްގެ 70 އިންސައްތަ ދެވޭނެއެވެ. ޖުމްލަ ޕޮއިންޓްގެ ބާކީ ތިރީސް އިންސައްތަ ދިނުމަށް ހަމަޖެހިފައިވަނީ ހުށައަޅާ ކުރެހުންތައް، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެލައިޑް އިންޝުއަރެންސްގެ ޓީމަކުން ބެލުމަށްފަހުއެވެ.

30 އިންސައްތަ ޕޮއިންޓް ދިނުމުގައި ބެލެވޭނެ މިންގަނޑު:

ކްރިއޭޓިވިޓީ އަދި އޮރިޖިނަލަޓީ އަށް 10 އިންސައްތައެވެ. ކުރެހުމުން ތީމްގައިވާ މެސެޖް ފޯރުކޮށްދޭ މިންވަރަށް 10 އިންސައްތަ ދޭއިރު ޖުމްލަކޮށް ކުރެހުމުގެ ޑިޒައިން އަދި އާޓިސްޓިކް ކޮލެޓީއަށް 10 އިންސައްތަ ދިނުމަށް ހަމަޖެހިފައިވެއެވެ.

ކުރެހުމާއެކު، ބައިވެރިވާ ކުއްޖާގެ އައިޑީ ކާޑު ކޮޕީއަކާ، އަދި ގުޅޭނެ ފޯނު ނަންބަރު ލިޔުއްވުމަށްފަހު MPS/TrafficPoliceMv ފޭސްބުކް ޕޭޖަށް ފޮނުވާށެވެ.

އަދި ކުރެހުމަށް ލައިކްސް އާއި ޝެއަރ ހޯދުމަށްޓަކައި ކޮންމެ ބައިވެރިއެއްގެ އަމިއްލަ ފޭސްބުކް އައިޑީ އިން ކުރެހުން ޝެއަރކޮށް #amalundhakkaanan #rakkadrawingcompetition #Roadsafety #Rakka2021 މި ހޭޝްޓެގްތައް ޓެގްކުރަންވާނެއެވެ.

މި މުބާރާތުގައި ކުރެހުން ބަަލިގަންނާނެ އެންމެ ފަހު ތާރީހަކީ 2021 މެއި 11 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. މިމުއްދަތުގެ ފަހުން ހުށަހަޅާ އެއްވެސް ކުރެހުމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ކުރެހުން ހުށަހަޅާއިރު މައުލޫމާތުތައް ފުރިހަމަ ނުވާނަމަ އެ ކުރެހުންތައް މުބާރާތުގައި ބައިވެރިއެއް ނުކުރާނެއެވެ.