BlueRay2

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ސަލަމަތީ ކަންކަން ބެލެހެއްޓުމަަށް ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން  ބްލޫ ރޭ " ގެ ސެކިއުރިޓީ ބްރީފިންގ ބާއްވައިފިއެވެ.

އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ފެށުމުގެ ގޮތުން މިއަދު އިސްކަންދަރު ކޮށީގައި  ބޭއްވި މި ބްރީފިންގ ދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

BlueRay4

އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުންނާ މުހާތަބު ކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި، އިންތިޚާބާ ގުޅިގެން ފުލުހުންނާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރަމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ސަލާމަތީގޮތުން ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދީ، އިންތިޚާބުގެ ފަހުން ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި އަމަންއާންމަށް ހުރަސްއެޅޭފަދަ އެއްވެސް ނުރައްކަލަކަށް ފުރުސަތު ނުދީ، ދިމާވެދާނެ ހަމަނުޖެހުމެއް ރޭވުންތެރިކަމާއެކު އާންމު ހާލަތަށް ބަދަލުކުރުންކަން ފާހަގަކުރައްވައި، އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުންވެސް މި މިޝަންއަށް މަސައްކަތްކުރެއްވުމަށް އިރުޝާދު ދެއްވިއެވެ.

BlueRay1

ހަމައެއާއެކު މި އިންތިޚާބަކީ ފުލުހުންގެ އައު ގާނޫނަށް އަމަލު ކުރަންފެށި ފަހުން ބާއްވާ ގައުމީ ފެންވަރުގެ ބޮޑު ހަރަކާތެއްކަން ފާހަގަކުރައްވައި، މިއީ ފުލުހުންގެ ދައުރު އަދާކޮށް، ޕްރޮފެޝަނަލްކަމާއި މުއައްސަސާގެ އިންޓަގްރިޓީ އާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން މަސައްކަތްކުރާ ރަނގަޅު ގޮތުގެ ސަބަބުން މުއައްސަސާގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އިތުރުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއްކަމަށް ވިދާޅުވިއެވެ. އަދި މި އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުންނަށް ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރުމުގައި ހަރުދަނާކަމާއެކީ ގާނޫނާއި ގަވާއިދުތައް އެނގިތިބެ، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށްވެސް ވިދާޅުވިއެވެ.

އޮޕަރޭޝަން ބްލޫ ރޭގެ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދު މި ބްރީފިންގގައި ދެއްކެވި ވާހަކަފުޅުގައި ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވެ މަސައްކަތްތައް ދުރާލައި ރޭވިގެން ކުރިއަށް ގެންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން މާލެއާއި އަތޮޅު ތެރޭގައާއި ރާއްޖެއިން ބޭރު އަދި ވޯޓު ފޮށި ބެހެއްޓޭ އެންމެހާ ތަންތަނަށް ވޯޓު ފޮށިތައް ރައްކާތެރިކަމާއެކު ގެންދެވި، ވޯޓު ފޮށިތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންދާކަމަށް ވިދާޅުވިއެވެ.

BlueRay3

ހަމައެއާއެކު އިންތިޚާބާ ގުޅިގެން ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާތައް އަދާކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރި ވަމުންދާނެކަމަށާއި އޮޕަރޭޝަނުގެ އެންމެހާ ކަންކަން ނިމި، އޮޕަރޭޝަން އަމާން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވެނިމިފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން އިންތިޚާބުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނަށާއި ފުލުހުންނަށް ބްރީފިންގ އެންމެ ފުރިހަމަ ގޮތުގައި ދީފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

މި ބްރީފިންގގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ޔޫސުފް އާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެފައިވެއެވެ.