police 44

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅު ތެރޭގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކެއްގައި ދެ މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ ނ. ޅޮހި އަދި ވ. ފެލިދޫގައެވެ.

އެގޮތުން ފެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި ފެލިދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މިއަދު ހިންގި އެ އެ އޮޕަރޭޝަނުގައި 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

ޅޮހީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ އަތޮޅު މަނަދޫން ޅޮއްސަށް މަސްތުވާތަކެތި ގެންދާ ކަމަށް އާންމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން މަނަދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެކެވެ. މި އެޕްރީލް މަހުގެ 6 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ޅޮހީ ބަނދަރުމަތިން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅެއް ފެނިފައިވެއެވެ.