Kaafu Atholhu madharusaa

ކ. އަތޮޅު މަދަރުސާގެ ގަރލްގައިޑު ދަރިވަރުންނާއި ލިޓިލް މެއިޑު ދަރިވަރުންނަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމާއި އަމަލީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ފެބުރުވަރީ މަހުގެ 27 ވަނަ ދުވަހު ކާށިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ހަރަކާތްތަކުގައި، ފުރަތަމަ އެހީ ދިނުމާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތުދީފައިވެއެވެ.

އެގޮތުން ފުރަތަމަ އެހީއަކީ ކޮބައިކަމާއި ފުރަތަމަ އެހީ ބޭނުންވާ ހާލަތްތަކާއި އެފަދަ ހާލަތްތަކުގައި އަަމަލުކުރަންވީ ގޮތްތައް ބުނެދީފައިވެއެވެ. އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތާއި އަނިޔާލިބޭ މީހާއަށް ފުރަތަމަ އެހީ ދިނުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ކިޔައިދީ އަމަލީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އެކްސިޑެންޓްތައް ހިނގުމަށް ދިމާވާ ސަބަބުތަކާއި އެކްސިޑެންޓްތައް މަދުކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މަގުމަތީގައި އުޅޭއިރު ދަރިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތުގެ މައުލޫމާތުވެސް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ހިއްސާކޮށްފައިވެއެވެ.

ކ. އަތޮޅު މަދަރުސާގެ އެދުމުގެމަތިން ކުރިއަށް ގެންދިޔަ އެ ހަރަކާތްތަކުގައި 89 ދަރިވަރުން ބައިވެރިވިއެވެ.