MPS22536

މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންފޮރމޭޝަން މެނޭޖްމަންޓު ސިސްޓަމާއި އިންޓަރޕޯލްގެ ރިއަލްޓައިމް ކްރިމިނަލް އިންފޮރމޭޝަން ޑޭޓާބޭސްތަކާއި ގުޅާލައި މާލެ އާއި މާލެ އާއި އަތޮޅުތެރޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިންޓަރޕޯލްގެ ޓޭޑާބޭސްތައް ސާރޗުކުރެވޭނެ އިންތިޒާމް ހަމަޖެހިއްޖެވެ.

މިގޮތަށް ގުޅާލުމުން ފްރޮންޓުލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިންޓަރޕޯލްގެ ޑޭޓާބޭސްގައި ހިމެނިފައިވާ މީހުންގެ މައުލޫމާތު ވަގުތުން ދެނެގަނެވި އެމީހުންނާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފަސޭހަވެގެންދާނެއެވެ. އަދި ބޭރު ގައުމުތަކުގައި ކުށުގެ އަމަލުތައް ހިންގައި އެގައުމުތަކުން ފިލައިގެން އުޅޭމީހުން ދެނެގަނެ އެމީހުންނާއި ގުޅޭ މައުލޫމާތު އެގައުމުތަކަށް ހިއްސާކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީގެ އާބާދީ އިތުރުވުމާއި، ލޯކަލް ޓޫރިޒަމް ރާއްޖެއަށް ފުޅާވަމުންދާ މިފަދަ ދަނޑިވަޅުގައި ރާއްޖޭގެ ރަށްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު ވަކިން ހާއްސަ ގޮތެއްގައި ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތްވުމަށް ކުރެވޭ މަސައްކަތްތަކުގައި މިފަދަ މައުލޫމާތު ފަސޭހައިން އެނގެން ހުރުމުން ފުލުހުންގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމާއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އިންޓަރޕޯލްއިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ބައިނަލް އަޤްވާމީ ގޮތުން ފުލުހުންގެ މަސައްކަތްތައް ގުޅާލައި، ގައުމުތަކުގެ މެދުގައި ހިނގާ ކުށްތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުންކަން ފާހަގަކުރެވެއެވެ. އެގޮތުން އިންޓަރޕޯލް ޑޭޓާބޭސްއާއި ފުލުހުންގެ އިންފޮރމޭޝަން ސިސްޓަމް ގުޅާލުމުގެ މި މުހިއްމު ފިޔަވަޅާއެކު ކުރިއަށް އޮތްތަނުގައި ދިވެހި ފުލުހުންނާއި ބައިނަލް އަޤްވާމީ ފުލުހުންގެ އެހެން އިދާރާތަކާމެދު މައުލޫމާތު ބަދަލުކުރެވޭނެ އިތުރު ފަސޭހަ ނިޒާމެއް މިވަނީ ގާއިމުކުރެވިގެން ގޮސްފައެވެ.