police-2124

ޅ. ހިންނަވަރާއި ށ. ކަނޑިތީމުގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ނުވަ މީހަކު ހައްޔަރުކޮށް މައްސަލަތައް ތަހުގީގު ކުރަންފަށައިފިއެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން ޅ. ހިންނަވަރުގައި ތިން އޮޕަރޭޝަނެއް ހިންގާފައިވާވައިރު މި އޮޕަރޭޝަންތަކުގައި ވަނީ އަށް މީހަކު ހައްޔަރުކޮށްފައެވެ.  ހިންވަރުގައި ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން ފުރަތަމަ އޮޕަރޭޝަނަކީ  މާލެއިން ފުރައިގެން ހިންނަވަރަށް އަންނަ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖެނުއަރީ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި އެބޯޓު ހިންނަވަރަށް ކައިރިކުރުމުން އެބޯޓުގައި ހުރި ފޮށިގަނޑެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މިމައްސަލާގައި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ހިންނަވަރުގައި ހިންގި ދެވަނަ އޮޕަރޭޝަނަކީ ޖަނަވަރީ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ބަންދު ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ތަނެއް ބަލައިފާސްކޮށްފައިވާއިރު އެތަނުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓް ފެނިފައިވެއެވެ. އަދި މި އޮޕަރޭޝަނުގައި ވަނީ  35 އަހަރުގެ އަންހެނަކާއި، 33 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ވަނީ  އަށް ދުވަހުގެ މުއްދަތެއް ދީފައެވެ.

މީގެއިތުރުން ޖަނަވަރީ 27 ވަނަ ދުވަހު ހިންނަވަރުގައި އޮޕަރޭޝަނެއްގައި ހިންގާފައިވާއިރު، މި އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަހައްދުން ތިން މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު އެމީހުން ތިބި ތަނުގެ ބިންމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 17 ޕެކެޓް ފެނިފައިވެއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެކެވެ. އަދި މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 37 އަހަރުގެ މީހާގެ ބަންދަށް ހަ ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި 23 އަހަރުގެ މިހާއާއި 33 އަހަރުގެ މީހާއަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

ށ. ކަނޑިތީމުގައި ހިންގި އޮޕަރޭޝަނަކީ ޖަނަވަރީ 29 ވަނަ ދުވަހު އެރަށުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަހައްދުން 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.