ކުށްމަދު މުޖުތަމައަކަށް ފަރުދީ ޒިންމާ

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަރިޔަމް އަޒްލިފާ
Article

ދިވެހިންނަށް ލިބިފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ވަރަށް ސާފެވެ. ގާނޫނު އަސާސީން އެކަން ކަށަވަރުވެސް ކޮށްދެއެވެ. އެކަމާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާއި އިވެމުންދާ އަޑުތައް އަޅުގަނޑުމެންގެ ކަންފަތްތަކަށް އަލެއްނޫނެވެ. މުޖުތަމައަށްޓަކައި ކޮންމެ ފަރުދެއްގެ ކޮނޑުގައިވެސް މަސްއޫލިއްޔަތުތަކާއި ޒިންމާތަކެއް އެޅިފައިވެއެވެ.

އަޅުގަނޑުމެންނަކީ މި މުޖުތަމައުގެ ފަރުދުންނަށްވީތީ މުޖުތަމައަށްޓަކައި އަޅުގަނޑުމެން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަކާއި ވާޖިބުތަކެއް ހުންނާނެކަން ކޮންމެ ފަރުދަކުވެސް ގަބޫލުކުރަންޖެހެއެވެ. އަދި އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް މަސައްކަތްވެސް ކުރަންޖެހެއެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެމީހަކަށް ލިބެންޖެހޭ ހައްގުތަކާއި މިނިވަންކަމުގެ ވާހަކަ ދައްކާއިރު އެމީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތުކަކަކާއި ވާޖިބުތަކެއް ހުންނަނާނެކަމާއި އެއީ ވަކި ނުކުރެވޭނެ ދެ އަސާސްކަމެވެ.

މުޖުތަމައެއް ބިނާވެފައި އޮންނާނީ އެ މުޖުތަމައެއްގައި ދިރިއުޅޭ ބައެއްގެ މައްޗަށެވެ. މުޖުތަމައުގެ އެންމެ ފަހުރުވެރި އެއްބަޔަކީ އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނެވެ. ކާބަފައި ޒަމާނުއްސުރެ މިއަދާ ހަމައަށްވެސް އަޅުގަނޑުމެން ދިވެހިންނަކީ އެކުވެރިކަމާ އެއްބައިވަންތަކަމުގެ ގޮތުން އެއް އާއިލާއަކަށް ނިސްބަތްވާ ބައެކެވެ. ކާބަފައި ޒަމާނުއްސުރެ މިއަދާ ހަމައަށް ރާއްޖެއަށް ކުރިމަތިވި ކޮންމެ ކާރިސާއެއްގައިވެސް ދިވެހީން ދައްކުވައިދީފައިވާ ރީތި މިސާލުން އެކަން ހާމަވެއެވެ. އެގޮތުން ރާއްޖެއާ ތޮޅެން އައި ކޮންމެ ބައެއްގެ ކިބައިން ރާއްޖެ ސަލާމަތްކުރުމަށް ކޮށްފައިވާ މަސައްކަތްތަކާ އަދި ކާރިސާތަކާއި ހާދިސާތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގައި ދައްކުވައިދީފައިވަނީ ކޮންމެ ޖީލަކަށްވެސް އިބުރަތަކަށް ފުދޭނެ ރީތި މިސާލުތަކެކެވެ. އެކަކަށް ލިބުނު ގެއްލުމުގައި އަނެކަކު ހިއްސާކުރިއެވެ. ހިތާމައިގެ ވަގުތާއި އުފާވެރިކަމުގެ ވަގުތުގައިވެސް ބައިވެރިވިއެވެ. މުއްސަނދިން ފަގީރުންނަށް އެހީތެރިވިއެވެ. ކޮންމެ ބަޔަކުވެސް އަދި ފަރުދަކުވެސް މަސައްކަތްކުރީ އަނެކާގެ ދަތިތައް ހައްލުކޮށްދީ އެހީތެރިވެދިނުމަށެވެ. މިފަދަ އެކުވެރި އަޅާލާ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއްގެވެސް މަސްއޫލިއްޔަތެކެވެ. ރައްކާތެރި އަމާން މުޖުތަމައެއް ބިނާކުރުމާއި މުޖުތަމައުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި މިފަދައިން އަމަލުކުރަންޖެހެއެވެ.

އަޅުގަނޑުމެން ދިރިއުޅެމުންމިދާ ކުޑަކުޑަ މުޖުތަމައު ކުށުގެވެށިން ރައްކާތެރިކޮށް އަމާން ކުރުމަށް ކޮންމެ ފަރުދަކަށްވެސް ކުރެވޭނެ ކަންތައްތަކެއް ހުންނާނެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާ ތަފާތު މައްސަލަތަކަށް ބަލާއިރު ފަރުދީ ޒިންމާ އަދާ ނުކުރެވުމުގެ ސަބަބުން ހިންގާފައިވާ ކުށުގެ މައްސަލަތައްވެސް ހިމެނެއެވެ.

އެކި ސަބަބުތަކާހުރެ ކުށުގެ ވެއްޓަށް ހުށަހެޅެމުންދާ ޒުވާނުންގެ އަދަދުވެސް މަދެއްނޫނެވެ. މިކަމުގައި ވަކި ޖިންސެއް ތަފާތެއް ނެތެވެ. ކުށުގެ ވެއްޓަށް ހުށަހެޅެމުންދާ ޒުވާނުން ހަމަ މަގަށް އަޅުވައި އަނބުރާ މުޖުތަމައަށް ގެނައުމުގައި ކޮންމެ ފަރުދެއްގެވެސް އެހީތެރިކަން ބޭނުންވެއެވެ. އަދި މުޖުތަމައުގެ އެއްބާރުލުންވެސް ބޭނުންވެއެވެ. ޒުވާނުންގެ މެދުގައި އާއްމުވެފައިވާ ކުށުގެ ވެއްޓަށް ނަޒަރުހިންގާލާއިރު ކުށެއް ކުރުމުން އެމީހަކީ ގޯސް މީހެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ޒުވާނުންގެ އަދަދުވެސް މަދެއް ނޫނެވެ. ހަގީގަތުގައި ގޯސްވަނީ އެމީހަކު އެވަގުތު އެ ކުރާ އަމަލެކެވެ. އެހެންކަމުން އެމީހަކު ބާކީކޮށްލުމުގެ ބަދަލުގައި މުޅި އާއިލާއާއި ރަހުމަތްތެރިންގެ އިތުރުން މުޖުތަމައުގެ އެހީތެރިކަމާއެކު އެމީހަކު ހަމަ މަގަށް އަޅުވައި ރަނގަޅު މީހެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް މަސައްކަތް ކޮށްދެމާ ހިނގާށެވެ. އެގޮތުން ފުރަތަމަ ކަމަކަށް ކުށަށް އަރައިގަތުމަށް މެދުވެރިވީ ސަބަބު ހޯދައި، އެކަމުން އެމީހަކު ސަލާމަތްކުރުމަށްޓަކައި މަސައްކަތް ކޮށްފިކަމުގައިވާނަމަ ދެވަނަ ފަހަރަށް އެމީހަކު އެ ކުށަށް އަރައިގަތުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ. ބޭނުންވަނީ އަޅާލުމާއި އޯގާތެރިކަމާއެކު ފޯރުކޮށްދޭ އެހީތެރިކަމެވެ.

މުޖުތަމައުގެ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވިގެންދާނީ އެ މުޖުތަމައެއްގައި ދިރިއުޅޭ އެންމެން އެކުވެރި އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބެގެންނެވެ. އަދި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަމަކީވެސް އެންމެން ގުޅިގެން ކުރެވޭނެ ކަމަކަށް ވާހިނދު، މި މުޖުތަމައުގެ މަސްއޫލިއްޔަތަކީ އެންމެންގެ ހިތްހަމަޖެހުން ކަމުގައި ހެދުމަށް އެންމެން އެކަތިގަނޑަކަށްވެ ގުޅިގެން މަސައްކަތްކުރަމާ ހިނގާށެވެ.