police-37

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާ އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު އަށް މީހަކު ހައްޔަރުކޮށްފިއެވެ.

އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ލ.އަތޮޅު ކައްދޫ އާއި ގަން ގެ އިތުރުން ހދ.ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ ހުޅުމީދޫގައެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން ލ.އަތޮޅުގައި ހިންގާފައިވާ އޮޕަރޭޝަންތަކަކީ ގަމުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ޑިސެމްބަރ 30 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެރަށު މަތިމަރަދު އަވަށު އުތުރުފަރާތު އަތިރިމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެއެވެ.

މީގެއިތުރުން ލ.ކައްދޫ އިސްކަންދަރު އެއަރބޭސްއަށް ފުރަން ގޮސް ހުރި މީހަކު މަސްތުގެ ހާލަތުގައި ހުރިކަމަށް ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެމީހާ ހުއްޓުވާ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓް ފެނިފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނަކީ މާލެއިން އެރަށަށް ދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ޑިސެމްބަރު 30 ވަނަ ދުވަހު ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންނާ، އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެރަށު ބަނދަރުމަތީގައި ހުރި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެއެވެ.

ހުޅޫމީދޫގައި ހިންގި އޮޕަރޭޝަނަކީ އައު އަހަރާ ދިމާކޮށް އެރަށުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެކެވެ. މި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ހިންގި އެ އޮޕަރޝަންތަކުގެ ތެރެއިން މަސްތުވާތަކެއްޗާއެކު ހަތް ދިވެހި ފިރިހެނުން ހައްޔރުކޮށްފައިވެއެވެ.

މިމީހުންގެ ތެރޭގައި ހިމެނެނީ 28 އަހަރުގެ ދެ ފިރިހެނުންނާއި 29 އަހަރުގެ ފިރިހެނަކައި 37 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެކެވެ. މިމީހުންގެ ތެރެއިން 28 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވަނީ ރަށުތެރެއިންނެވެ. އެ ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާ، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500އެމްއެލްގެ ދެ ފުޅި ފެނިފައިވެއެވެ.

28 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއްގެ އިތުރުން 38 އަހަރު މީހާ ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު އެރަށުގެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށެވެ. އެގެ ބަލައިފާސްކުރިއިރު މަސތްުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކުޑިތަކެއް ފެނިފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަތައް ތަހުގީގު ކުރަމުންނެވެ.