0-02-06-87f4dac3e3e2eddeca9122fa5884350b3a8329d6047fa5623263c8d6d7640f86_15d90ed3

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ސެޕްޓެމްބަރާއި އޮކްޓޫބަރު  މަހު ފުލުހުން ހިންގި  އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 203 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ މިއަދު ހެނދުނު ދޫނިދޫގައެވެ. މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު މީޑިޔާތަކަށާއި އޮބްޒާވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ދީފައިވެއެވެ. އެގޮތުން އޮބްޒަރވަރުންގެ ގޮތުގައި ހަތަރު ފަރާތަކުން ބައިވެރިވެފައިވެއެވެ. އަދި މި ހަރަކާތުގެ ތެރެއިން ވަނީ އޮބްޒާވަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި އޮބްޒާވަރުން ދައްކާ މަސްތުވާތަކެތިން ސާމްޕަލް ނަގައި ޓެސްޓް ކުރުމަށްފަހު އެތަކެތީގެ ބާވަތް ބުނެދީފައެވެ.

0-02-06-67e1875aed54152144d870728df1988c4cdbf0e610b8ff884f61cecc57909ea6_87a5da45

މިއަދު ނައްތާލާފައިވަނީ  2020  ސެޕްޓެމްބަރު 8 ވަނަ ދުވަހު ޑާކާ މަގުން ރާއްޖެއައި ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ފެނިފައިވާ 3 ކިލޯ 800 ގްރާމް މަސްތުވާތަކެއްޗާއި 2020 އޮކްޓޯބަރު 1 ވަނަ ދުވަހު ސ.ހިތަދޫ / ފިނިފަރު އަބްދުﷲ އިބްރާޙީމް އާއި އިތުރުބަޔަކު ބައިވެރިގެން ދިވެހިރާއްޖެ އެތެރެކުރި 79 ކިލޯގެ މަސްތުވަތަކެއްޗާއި 2020 އޮކްޓޯބަރ 12 ވަނަ ދުވަހު ގއ.ވިލިނގިލީ / ލައިޓްހައުސް ޝަހީބް އިބްރާޙީމް އިތުރުބަޔާކައި ބައިވެރިވެގެން ރާއްޖެ އެތެރެކޮށްފައިވާ 120 ކިލޯގެ މަސްތުވާތަކެއްޗެެވެ.

0-02-06-5fabb7f159639c13f2a419087595d1f1397b12f7999c37940423a501f32b50c3_a6a3169b

މިތަކެތީގެ ތެރޭގައި ހިމެނެނީ 65 އެވިޑެންސްގައި ހިމެނޭ 224 ރަބަރު ޕެކެޓާއި 15،8188.7000 ގްރާމްގެ ހެރޮއިންނާއި 3788.4000 ގްރާމްގެ ކެނަބިހާއި 41090.6000 ގްރާމްގެ މެޓަމްޕެޓަމިން ރެސިމޭޓްގެ އިތުރުން އެހެނިހެން 41 އައިޓެމެވެ. މިއަދު ނައްތާލި މަސްތުވާތަކެތީގެ ބަރުދަނަކީ 203.07 ކިލޯގްރާމެވެ. މިތަކެތީގެ މަގުމަތީގެ އަގު 203،123،830.00 ރުފިޔާއަށް އަރައެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ  އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.