UNDP

އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ހއ، ހދ އަދި ށ. އަތޮޅުގެ ކޮމާންޑަރުންނަށާއި އެއަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނަށް އަމާޒުކޮށްގެން ސިމްޕޯޒިއަމެއް ބާއްވައިފިއެވެ.

މި ޑިސެންބަރު މަހުގެ 27 އަދި 28 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ އޮފީސް ކޮމްޕްލެކްސް ހޯލުގައި ބޭއްވި މި ސިމްޕޯޒިއަމްއަކީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށާއި އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ޕޮލިސް ސްޓޭޝަންތަކުން ދެމުންދާ ހިދުމަތްތަކަކީ ރައްޔިތުންނާ ގުޅިގެން ރައްޔިތުންނާ ގާތުންދެވޭ އިތުބާރުހުރި ހިދުމަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ސިމްޕޯޒިއަމްއެކެވެ.

ސިމްޕޯޒިއަމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ ދެއްކެވި ވާހަކަފުޅުގައި ފުލުހުން ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ އިތުރުން ރައްޔިތުންގެ ފަރާތުންވެސް ފުލުހުނަށް އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި އެފަދަ އެހީތެރިކަމެއްވެސް ލިބޭނެފަދަ ގާތްކަމެއް ރައްޔިތުންނާ ބޭއްވުމަށާއި ރައްޔިތުންގެ އިހުސާސްތައް ދެނެގަތުމަށް އެދިވަޑައިގެންނެވިއެވެ.  އަދި ފުލުހުން ހިންގާ ކޮންމެ ހަރަކާތަކީ ފުލުހުންގެ މަސައްކަތަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ފަދަ ހަރަކާތަކަށް ހެދުމަށާއި ފުލުހުންގެ ހަރަކާތްތައް ހިންގުމުގައި ޕަބްލިކް ރިލޭޝަންސް އާއި މާކެޓިންގ އަދި ކޮމިއުނިޓީ އެންގޭޖްމަންޓްގެ އިތުރުން ކްރައިމް ޕްރިވެންޝަން ހިމެނޭގޮތަށް ހަރަކާތްތައް ރޭވުމަށް އެދިވަޑައިގެންނެވިއެވެ.

 

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ސިމްޕޯޒިއަމްގައި ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކޮންމެ ސްޓޭޝަނަކުން ކުރިއަށް އަހަރަށް ތައްޔާރުކޮށްފައިވާ އެކްޝަން ޕްލޭނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކަށް އަހުލުވެރިކޮށް، އޮޕަރޭޝަނަލީ ސްޓޭޝަންތަކުގައި ރަނގަޅުކުރަންހުރި ކަންކަމާއި ގުޅޭގޮތުންނާއި ތަހުގީގާއި އިދާރީގޮތުން ސްޓޭޝަންތަކުގައި ރަނގަޅުކުރުމަށް ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މީގެއިތުރުން މި ސިމްޕޯޒިއަމްގައި ފްރޮންޓްލައިންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މޮޑާރން ޕޮލިސިންގ އާއި ނެއިބަރހުޑް ޕޮލިސިންގއާއި އަދި އޮޕަރޭޝަންތައް ހަރުދަނާކުރުމާއި ވަގަށް ނަގާފައިވާ އުޅަނދުތައް ދެނެގަތުމާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތްތަކަށް ބޭނުންވާ ގާނޫނީ މައުލޫމާތު ދީފައިވެއެވެ. އަދި ތަހުގީގުތައް ހަރުދަނާކުރުމަށް މައްސަލަ ހުށަހެޅޭ ހިސާބުން ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުން ސަމާލުކަން ދޭންވީ ކަންކަމާއި މައްސަލަތަކުގެ ތަހުގީގުތައް ހަރުދަނާކުރުމަށް ކުރަންހުރި ކަންކަމާއި މައްސަލަތަކުގައި ޕީޖީއޮފީހަށް ފޮނުވާއިރު ރަނގަޅުކުރަންހުރި ކަންކަމާއި ޕީޖީން މައްސަލަތަކުގައި ދަޢުވާކުރުމުގައި ބަލާ ކަންކަމާއި ދަޢުވާކުރުމަށް ފުލުހުންގެ ފަރާތުން ރަނގަޅުކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން،  ގާނޫނީގޮތުން ދިމާވާ ގޮންޖެހުންތަކާއި ވޭތުވެދިޔަ 4 އަހަރު ޑިވިޜަނުގެ މައްސަލަތަކުގެ ތަފާސް ހިސާބަށް އަލިއަޅުވާލައި މައްސަލަތައް ހުހަހެޅި ދައުވާކުރެވިފައިވާ ގޮތުގެ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. ހަމައެއާއެކު އިދާރީގޮތުން ސްޓޭޝަންތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށް އިދާރީ ގޮތުން އަދި ސްޓޭޝަންތަކުން ކުރިޔަށްގެންދަންވީ ކަންކަމާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ސިމްޕޯޒިއަމްގެ ތެރެއިން ވަނީ އަންނަ އަހަރުން ފެށިގެން އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ ގޮތުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ.

މި ސިމްޕޯޒިއަމްގައި އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ އާއި އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ހއ، ހދ އަދި ށ. އަތޮޅުގެ އަތޮޅު ކޮމާންޑަރުންނާއި އެއަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުން ބައިވެރިވެފައިވެއެވެ.