IMG_3835

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯވ 2020 އިފްތިތާހުކޮށް، ރޯޑް ޝޯވގައި ހިމެނޭ ފުރަތަމަ ހަރަކާތްކަމަށްވާ ރައްކާ ރޯޑް ސޭފްޓީ ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައްކާ ރޯޑް ޝޯވ އިފްތިތާހުކޮށްފައިވަނީ ފުލުހުންނާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައިޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުންނާއި އެލައިޑް ގުޅިގެން ބާއްވަމުން އަންނަ ރައްކާ ރޯޑް ޝޯވއަކީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެއްކަމަށެވެ. ނަމަވެސް ފާއިތުވިދިޔަ ދެ އަހަރު ދިމާވި އެކިސަބަބުތަކާހެދި ރައްކާ ރޯޑް ޝޯވ ބޭއްވިފައިނުވާކަމަށާއި މިއަހަރުގެ ރައްކާ ރޯޑް ޝޯވ ގެ ތެރެއިން މާލެއާއި އަތޮޅުތަކުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

IMG_3824

ނޫސްވެރިންގެ ބައްދަލުވުމުގައި އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު އަޙްމަދު ސާޤިބް ވިދާޅުވީ މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުންނާއި އެކުންފުނި ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕޭނަކީ މުހިންމު ކެމްޕެއިނެއްކަން ފާހަގަކުރެއްވިއެވެ. އަދި އެކުންފުނިން އަބަދުވެސް އިޖުތިމާއީ ގޮތުން ކުރެވޭނެ ކަންކަން ބަލަމުންދާކަމަށާއި އެގޮތުން މި ކެމްޕެއިންއަކީ މުހިންމު މަސައްކަތެއްކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މި ކެމްޕެއިން ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

IMG_3838

ރައްކާ ރޯޑް ޝޯވގެ ފުރަތަމަ ހަރަކާތްކަމަށްވާ ރައްކާ ރޯޑް ސޭފްޓީ ރަންގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ދުވުން ކުރިއަށް ގެންދަނީ ފުލުހުންނާއި އެލައިޑް އަދި ރަން ފޮރ މޯލްޑިވްސް ގުޅިގެންނެވެ. އެގޮތުން މި ދުވުމުގައި ރަޖިސްޓްރީ ވުން ކުރިއަށްދަނީ ރަން ފޮރ މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށެވެ.  ހިލޭ ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް  މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ތަފާތު މެސެޖުތައް ހިމެނޭ ޓީޝާޓަކާއި މެޑަލްއެއް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެޖެސުތައް ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ "ރައްކާ ރޯޑް ސޭފްޓީ ރަން" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2021 ޖެނުއަރީ 8 ވަނަ ދުވަހުގެ 16:00 ގައި ހުޅުމާލޭގައެވެ. މިދުވުން ޖެނުއަރީ 16 ވަނަ ދުވަހުގެ 18:00 އާ ހަމައަށް ކުރިއަށްދާއިރު މި ދުވުން ކުރިއަށްދާނީ 2018 ން 2020 އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދުކަމަށްވާ 5665 ހިމެނޭގޮތަށް ދުވުމުގައި ބައިވެރިވާ ދުވުންތެރިން ދުވާ ކިލޯ މީޓަރުން އެއަދަދު އުނިކުރެވޭ ގޮތަށެވެ.

 ރައްކާ ރޯޑް ޝޯވގެ ހަރަކާތްތައް ރޭވިފައިވާ ގޮތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑް ސޭފްޓީ ޔުނިޓްގެ ހެޑް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނައީމް ވިދާޅުވީ ރައްކާ ރޯޑް ސޭފްޓީ ރަންގެ އިތުރުން މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހޭލުންތެރިކުރުމުގެ ވީޑިއޯ ކުލިޕްތަކާއި އެކްސިޑެންޓް ރޯލް ޕްލޭ އާއި ޓީވީ ޕްރޮގްރާމާއި އާންމު ހިދުމަތްދޭ ތަންތަނުގައި ވީޑިއޯ ޑިސްޕްލޭ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވީ ޓްރެފިކް މެނޭޖްމެންޓްގެ ހެޑް އޮފް ޑިޕާރޓްމަންޓް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު އާއި ރޯޑް ސޭފްޓީ ޔުނިޓް ގެ ހެޑް ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނައީމް އާއި އެލައިޑް އިންޝްއަރެންސް ކޮޕެނީގެ މާކެޓިން މެނޭޖަރ ނިއުޝާދު ޝަރީފް އާއި ޖެނެރަލް މޭނޭޖަރު އަޙްމަދު ޝާބިޤްއެވެ.