0-02-03-ad4c6e13336d5102a78127035411873138a8b12f3411d06d239281b50d79c846_c3e408a7

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސީދާގޮތުން ރައްޔިތުންނަށްދެވޭ ފުލުހުންގެ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކާއިމެދު މަޝްވަރާކުރުމަށް " ފްރަންޓްލައިން ޕޮލިސިންގ ސިމްޕޯޒިއަމް: ގެ ނަމުގައި ސިމްޕޯޒިއަމެއް ފަށައިފިއެވެ.

ަޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވައި މި ސިމްޕޯޒިއަމް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ފްރާންޓްލައިންގައި މަސައްކަތްކުރާ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި މި ސިމްޕޯޒިއަމްގައި ބައިވެރިވާ މުވައްޒަފުންގެ އިލްމީ އަދި މަސައްކަތުގެ ތަޖުރިބާތައް ހިއްސާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރެވޭނެ ގޮތްތައް ދެނެގަތުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވައި، ފްރަންޓްލައިންގެ ހިދުމަތްތައް މިހާރު ފޯރުކޮށްދެމުންދާ ގޮތްތަކާއި މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށްދެވޭ ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ކުރެވޭނެ ކަންކަމާމެދު މަޝްވަރާކޮށް، ޕްލޭން އެކުލަވާލުމަށް އެދިވަޑައިގެންނެވިއެވެ.

ޑިސެމްބަރު މަހުގެ 22 ން 24 އަށް ކުރިއަށްދާ މި ސިމްޕޯޒިިއަމްއަކީ ފްރޮންޓްލައިން ޕޮލިސިންގ ގެދާއިރާގައި ހުރި މައްސަލަތަކާއި އެކަންކަމަށް ހޯދޭނެ ހައްލުތަކާއިމެދު މަޝްވަރާކޮށް ތަންފީޒީ މަރުހަލާއަކަށް އެކަންތައްތައް ގެންދިއުމަށް ކުރަންހުރި މަސައްކަތްތައް ދެނެގަތުމުގެ ގޮތުން ބާއްވާ ސިމްޕޯޒިއަމްއެކެވެ. އަދި މިސިމްޕޯޒިއަމްގައި ފްރޮންޓްލައިން ޕޮލިސިންގ ހަރުދަނާކުރުމަށް ގެންނަނަންޖެހޭ ބަދަލުތައް ދެނެގަތުމާއި، ފްރޮންޓްލައިން ހިދުމަތްތައް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަމަލުކުރާނެ ރާސްތާގެ އަމަލީ އެޖެންޑާއެއް އެކުލަވާލާނެއެވެ. ހަމައެއާއެކު ފްރޮންޓްލައިން ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވި، އާއްމުރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ފްރޮންޓް ލައިން ފުލުހެއްގެ ޒިންމާއާއި ވާޖިބު އަދާ ކުރުމުގައި ލިބެންހުރި ވަސީލަތްތައް ބޭނުންކުރުމުގައި އަދި މެނޭޖްކުރުމުގައި ހުރި ގޮންޖެހުންތަކާއި ހުރަސްތައް އަދި ރަނގަޅު ކުރަން ކުރެވެންހުރި ކަންކަން ދެނެގަނެވިގެން ދާނެއެވެ.

Capture

މީގެއިތުރުން ފްރޮންޓްލައިން ފުލުހުންގެ މަސައްކަތްތައް ޓެކްނޮލޮޖީ ދާއިރާއިން އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތަކާއި، މިހާރު ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ދެނެގަތުމާއި، ފުލުހުންނަށް އެންމެ މުހިންމު ތަމްރީންތައް ދެނެގަތުމާއި މިހާރު ދެމުންގެންދާ ތަމްރީންތަކުގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ރަނގަޅުކުރެވޭނެ ގޮތްތައް ހޯދުމާއި، ފުލުހުންގެ ދައުރު އަދާކުރުމުގައި ގާނޫނުތަކުން ދިމާވާ ދަތިތައް މި ސިމްޕޯޒިއަމްގެ ތެރެއިން ދެނެގަނެވިގެންދާނެއެވެ. އަދި  ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާއި ތަކެއްޗާއިމެދު އަމަލުކުރުމުގައި ތަހުގީގްމަރުހަލާގައި ހުރި ދަތިތަކާއި، ތަހުގީގުމަރުހަލާ ކުރިއަށްދާއިރު ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނާ ތަހްގީގްކުރާ ފަރާތްތައް ގުޅިގެން މަސައްކަތް އިތުރަށް ރަނގަޅުކުރުމަށްކުރެވިދާނެ ކަންތައްތައް ދެނެގަތުމުގެ އިތުރުން އިންޓެލިޖެންސްގެ އެހީތެރިކަން ފޮރުކޮށްދިނުމުގައި ހުރި ދަތިތައް ދެނެގަތުމާއި އިތުރަށް ރަގަނޅުކުރެވިދާނެ ކަންތައްތައް މި ސިމްޕޯޒިއަމްގެ ތެރެއިން ދެނެގަނެވިގެން ދާނެއެވެ.

މި ސިމްޕޯޒިއަމްގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑާއި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި ފޮރެންސިކް ސަރވިސަސް އަދި ޑައިރެކްޓަރޭޓް އޮފް އިންޓެލިޖެންސްގެ މުވައްޒަފުން ބައިވެރިވެއެވެ. މިބައިވެރިންގެ ތެރޭގައި ވާޗުއަލްކޮށް ބައިވެރިވާ މުވައްޒަފުންވެސް ހިމެނެއެވެ.

މީގެއިތުރުން މި ސިމްޕޯޒިއަމްގައި އޮބްޒާވަރުންގެ ގޮތުގައި ޕޮރޮފެޝަނަލް ސްޓޭންޑާރޑް ކޮމާންޑާއި ލީގަލް ޑިޕާޓްމަންޓާއި ޓްރެއިން އެންޑް ޑިވެލޮޕްމެންޓާއި ހިއުމަން ރިސޯސް ޑިވެލޮޕްމެންޓާއި  އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސަރވިސަސް އާއި ލޮޖިސްޓިކް ސަރވިސް އަދިކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާރޒުން ބައިވެރިވެއެވެ.