Kinbidhoo

ތ. ކިނބިދޫ ފިހާރައަކުން ވައްކަންކޮށްފައިވާ ކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ރަށުގައި އޮޕަރޭޝަނެއް ހިންގައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހު ހުށަހެޅި އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ. އެއީ 26 އަހަރުގެ މީހަކާއި، 28 އަހަރުގެ މީހެކެވެ.

ކިނބިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ތިމަރަފުށީގައި މަސައްކަތްކުރާ ފުލުހުން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ދެމީހުން ހައްޔަރުކޮށް، އެމީހުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާގެ ތެެރެއިން ބައެއް މިހާރު ވަނީ ހޯދާފައެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތު ދެ މީހުންނަށްވެސް ދީފައިވެއެވެ.

ކިނބިދޫ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަަ ތަހުގީގު ކުރަމުންނެވެ.