Madifushi

ވޯލްޑް މެންޓަލް ހެލްތު ޑޭ ފާހަގަކުރުމަށް ތ.މަޑިފުށި ޕޮލިސް ސްޓޭޝަންގެ ފަރާތުން އެރަށު ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މި އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހު ފެށިގެން އެއް މަސްދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މިހާތަނަށް 30 ގެއަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން ރަށުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ދެނެގަނެ އެމީހުންގެ ހާލު އޮޅުންފިލުވާފައިވެއެވެ. އަދި އެމީހުންގެ އާއިލާތަކާ ބައްދަލުކޮށްފައިވެއެވެ. އަދި އެމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އޯގާތެރިކަމާއެކު އެމީހުންނާމެދު އަމަލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދީފައިވެއެވެ. އަދި އެމީހުންނަށް ސަރުކާރުން ދޭ ފައިސާ ބޭނުންކުރާ ގޮތުގެ މައުލޫމާތު އޮޅުންފިލުވައި، އެމީހުންނަށް ފައިދާހުރި ގޮތުގައި އެ ފައިސާގެ ބޭނުންކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އެމީހުން ބެލެހެއްޓުމުގައި އާއިލާއިން އަމަލުކުރާ ގޮތުގެ މައުލޫމާތު އޮޅުންފިލުވައި އިތުރަށް ރަނގަޅު ކުރަންވީ ކަންކަން ބުނެދީފައިވެއެވެ.

މީގެ އިތުރުން ކޯވިޑް 19 އިން ރައްކާތެރިވުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ. އަދި މި ބަލިމަޑުކަމާ ގުޅިގެން އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކޮށްފައިވާ އަސަރުތަކާއި، ނަފްސާނީގޮތުން މީހުންނަށް ކޮށްފައިވާ އަސަރުތަކާ ގުޅިގެން އެކަންކަން ރަނގަޅުކުރުމަށް މައުލޫމާތު ދީފައިވެއެވެ. އަދި މިފަދަ ހާލަތްތަކުގައި ރައްޔިތުންނާ އެންމެގާތުން މަސައްކަތްކޮށް ދިނުމުގައި އަބަދުވެސް ފުލުހުން ތިބޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފައިވެއެވެ.