MPS2

ލ. ގަމުގައި މާރާމާރީ ހިންގަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި، މާރާމާރީ ހިންގުމަށް ބޭނުންކުރާ ތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ރޭ 23:00 ހާއިރު ފުލުހުންގެ އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ދެ ފިރިހެނުންނެވެ. މިހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ މާރާމާރީ ހިންގުމަށްޓަކައި ތައްޔާރުވެގެން ކާރެއްގައި ލ. ގަން ތުނޑި އާބާދުވި ސަރަޙައްދަށް ގޮސް އެސަރަޙައްދުގައި ތިއްބައެވެ.  އަދި ކާރުތެރެއިން މިމީހުން ހައްޔަރުކުރިއިރު އެމީހުން ތިބީ ކާކުކަން ނޭނގޭގޮތަށް މޫނުނިވައިކޮށްގެންނެވެ.

މިމީހުން ހައްޔަރުކޮށް އެވަގުތު އެމީހުން ތިބި ކާރު ބަލައިފާސްކުރިއިރު ކާރުތެރެއިން ހުޑްތަކަކާއި ވަޅިއެއްގެ އިތުރުން ވިގެއް ފެނިފައިވެއެވެ.

މިމައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.