MPS22

މިމަހުގެ 3 ވީ ހުކުރު ދުވަހު ހަވީރު މާލޭގައި ހިނގި މާރާމާރީގައި 14 އަހަރުގެ ކުއްޖަކު ނިޔާވި މައްސަލައިގެ ތުހުމަތުގައި އިތުރު 4 ކުދިންނާއި މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި 2016 ޖޫން 5 ވަނަ ދުވަހުގެރޭ 16 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ މީހަކު ހައްޔަރުކޮށް 16 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް އަދި 18 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ވަނީ ދީފައެވެ.

މީގެ އިތުރުން މި މައްސަލައިގެ ތުހުމަތުގައި 2016 ޖޫން 6 ވަނަ ދުވަހުގެރޭ ވަނީ 16 އަހަރުގެ 2 ކުދިންނާއި 17 އަހަރުގެ ކުއްޖަކު ހައްޔަރު ކޮށްފައެވެ. މި ކުދިންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދުގެ ވަގުތެއްގައި ކޯޓަށް ގެންދާނެއެވެ.

މި 4 ކުދިންނާއި މީހާ އާއި، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާ އާއި 15 އަހަރުގެ ކުއްޖާ އާއެކު ޖުމުލަ 6 ކުދިންނާއި މީހަކު މިވަނީ ހައްޔަރު ކޮށްފައެވެ.

2016 ޖޫން 3 ވަނަ ދުވަހު މަޖީދީމަގު ސްޓާސިނަމާ ހުންނަ ސަރަޙައްދުގައި މާރާމާރީ ހިންގާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި ފުލުހުން އެސަރަޙައްދަށް ގޮސް ބެލި އިރު މަޖީދީ މަގު ޝަހީދު ޢަލީ ހިނގުމާއި ގުޅުނު ކަންމަތީ މާރާމާރީ ހިންގާފައިވާކަމުގެ ހެކިތައް ފެންނަން ހުރިކަމަށް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަތީޙް ވަނީ ވިދާޅުވެފައެވެ.

މިމަހުގެ 5 ވަނަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުﷲ ޝަތީޙް ވިދާޅުވީ މި މާރާމާރީ ހިންގާފައިވަނީ މާފަންނުގެ 2 ސަރަޙައްދަކަށް ނިސްބަތްވާ ދެ ގުރޫޕެއްގެ ދެމެދުގައި ކަމަށާއި މި މާރާމާރީ ހިންގި ސަބަބެއް ކަމަށް ބެލެވެނީ މި 2 ގުރޫޕުގެ ދެމެދުގައި އެދުވަހު ހެނދުނު ހިނގި މާރާމާރީ އެއްގެ ސަބަބުން އުފެދުނު ހިތްހަމަނުޖެހމެއްގެ ތެރެއިން ކަމަށެވެ. އަދި ހެނދުނު ހިނގި މާރާމާރީގެ ވާހަކަ އެއްވެސް ފަރާތަކުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ. މި މާރާމާރީގައި ލިބުނު އަނިޔާއާއެކު 14 އަހަރުގެ ކުއްޖަކު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެރޭގެ 19:47 ހާއިރު ނިޔާވެފައިވާ ކަމަށްވެސް ޢަބްދުﷲ ޝަތީޙް ވިދާޅުވިއެވެ.

މާލޭގައި 2016 ޖޫން 3 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި މާރާމާރީއެއް ހިންގައި 14 އަހަރުގެ ކުއްޖަކު ނިޔާވެފައިވާކަމަށް 5 ޖޫން 2016 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވިއެވެ. މުޙައްމަދު ރިޔާޒް ވިދާޅުވީ އެދުވަހު ހަވީރު ހިނގި މާރާމާރީގެ ތަޙްޤީޤު މަސައްކަތުގައި ފުލުހުން ޙަރަކާތްތެރިވަމުން ދަނިކޮށް އެރޭ 21:50 ހާއިރު މ. ސަރުމާގޭގައި މާރާމާރީއެއް ހިންގައި ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލާފައިވާކަމަށް ވިދާޅުވިއެވެ. މި ޙާދިސާގައި އަނިޔާ ލިބުނު 14 އަހަރުގެ ކުއްޖާ އެރޭގެ 22:30 ހާއިރު ނިޔާވެފައިވާކަމަށާއި ނިޔާވި ކުއްޖާ އަކީ އެދުވަހު ހަވީރު ހިނގި މާރާމާރީގައި ބައިވެރިވި ކުއްޖެއްކަމުގައިވެސް މުޙައްމަދު ރިޔާޒް ވިދާޅުވިއެވެ.