police

މަގުމަތިން ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިފައިސާތަކަކީ 2020 ޖެނުއަރީ 23 ވަނަ ދުވަހުގެ 18:50 އެހާކަންހާއިރު ޓީވީ މޯލްޑިވްސް ކައިރިިން އާންމުފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެކެވެ.

ވީމާ މި ފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ފައިސާތަކާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

 

މަސްތުވާތަކެއްޗާއެކު މީހަކު މާލެއިން ހައްޔަރުކޮށްފި

ޕޮލިސް ލާންސްކޯޕްރަލް އައިމިނަތު އަފްސާނާ
police-212

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެއްޗާއެކު މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ މި ހިނގާ ޖަނަވަރީމަހުގެ 26 ވަނަ ދުވަހުގެ  21:10  އެހައިކަންހާއިރު ގަލޮޅު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި، ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު އޭނާގެ އަތުން ފެނުމާ ގުޅިގެންނެވެ

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

 
Hirimaradhoo

އާއިލީ މަސްލަހަތު ދެމެހެއްޓުމާއި ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން ހދ. ހިރިމަރަދޫ ސްކޫލުގެ މުދައްރިސުންނާއި ބެލެނިވެރިން ނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ހިރިމަރަދޫގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކަކީ ހިރިމަރަދޫ ސްކޫލު ޕީޓީއޭ އަދި ކައުންސިލްގެ އިސްނެންގެވުމުގެ މަތިން ހދ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.

މި ސެޝަންތަކުގައި، އާއިިލާ ތެރޭގައި މައްސަލަތައް ޖެހޭ ސަބަބުތަކާއި އެކަންކަން ހައްލުކުރުމަށް ކުރިމަތިވާ ހުރަސްތައް ގިރާކޮށް ކަންކަން ހައްލުކުރުމާއި އާއިލާގެ ތެރޭގައި އޮންނަ ގުޅުން ހަރުދަނާކޮށް އެގުޅުން ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ.

މީގެ އިތުރުން ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ދަރިން ތަރުބިއްޔަތު ކުރުމުގައި ދަރިންނަށް ލިބިދޭންޖެހޭ އަސާސީ ހައްޤުތަކަކީ ކޮބައިކަމާއި އެހައްޤުތައް ދިނުމުގައި ތަފާތު ކުރުމެއް ނެތި ދިނުމަށާއި ދިރިއުޅުން އާރާސްތުކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިންނާމެދު ވެވޭ އިހުމާލަކީ ކޮބައިކަމާއި އިހުމާލުވުމަށް މެދުވެރިވާ ސަބަބުތަކާއި ދަރިންނާމެދު އިހުމާލު ވެއްޖެނަމަ ޤާނޫނީ ގޮތުން އެޅޭ ފިޔަވަޅުތަކަކާއި ދަރިންނާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް ބެލެނިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ.

އަދި ހަމައެއާއެކު ނޭދެވޭ ޢަމަލުތަކުން ދަރިން ދުރުހެލިކޮށް ސަލާމަތްކުރުމަށް ކުރެވިދާނެ ކަންކަމާއި ބެލެނިވެރިންނަށް އަދާކުރެވިދާނެ ދައުރާ އަދި ބެލެނިވެރިކަމުގެ ހުނަރުތަކާއި ދަރިންނަށް އަންނަ ބަދަލުތައް ދެނެގަނެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ހިރިމަރަދޫ ސްކޫލުގައި ތަޢުލީމު ހާސިލްކުރާ ގްރޭޑް ހަތަކުން ފެށިގެން މަތީގެ ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތަކާއި ރަނގަޅު ސިފަތަކާ ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން މައިންބަފައިންނާއި ތިމާއާއި އެކުގައި އުޅޭ މީހުންނަށް އިހުތިރާމް ކުރުމާއި، ވާހަކަ ދެއްކުމުގައި ރީތި ބަސްމަގު ބޭނުން ކުރުމަށާއި، އިސްލާމްދީނުގެ ރީތި ސިފަތަކަށް ލޯބި ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ކިޔެވުމުގައި ހިތްވަރުކޮށް މައިންބަފައިން ފަޚުރުވެރިވާ ފަދަ ދަރިއަކަށް ވުމަށް  މަސައްކަތްކުރުމަށް ނަޞޭޙަތްތެރިވެފައިވެއެވެ.

މި ސެޝަންތަކުގައި ހިރިމަރަދޫ ސްކޫލުގެ ހުރިހާ މުދައްރިސުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިންގެ އިތުރުން ގްރޭޑް 7 ން ފެށިގެން މަތީގެ ހުރިހާ ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި ސެޝަންތަކުގައި މައުލޫމާތު ދީފައިވަނީ ހދ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނެވެ.

 

 
police

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި  ބައިސްކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ބައިސްކަލަކީ 2020 ޖަނަވަރީ 20 ވަނަ ދުވަހުގެ ވަގުތެއްގައި މި ސަރވިސްއަށް ހުށަހެޅި، ބަލަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައވާ ބައިސްކަލެކެވެ.

ވީމާ މި ބައިސްކަލުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ބައިސްކަލާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

 

laamaseelu zuvaana 2

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިއަ "ލާމަސީލު ޒުވާނާ" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ހިނގާ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ދ. ވާނީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އިސްވެރިންނާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ލާމަސީލު ޒުވާނާ ޕްރޮގްރާމްގެ ބައިވެރިންނާއި އެ ބައިވެރިންގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.

laamaseelu zuvaana 4

މ ހިނގާ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހުން ފެށިގެން 12 ދުވަހުގެ މުއްދަތަށް ވާނީގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ދ. އަތޮޅާއި، ވ. އަތޮޅު ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 81 ޒުވާނުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. އެއީ 32 އަންހެން ބައިވެރިންނާއި 49 ފިރިހެން ބައިވެރިންނެވެ.

laamaseelu zuvaana 3

ލާމަސީލު ޒުވާނާ ޕްރޮގްރާމްގައި، ބައިވެރިންގެ އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާއި، ފުރަތަމަ އެހީ ފޯރުކޮށްދޭނެގޮތާއި، އަލިފާނުގެ ހަދިސާތަކުގައި ޢަމަލުކުރަންވީ ގޮތްތައް ދަސްކޮށްދިނުމަށް ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އާންމު ދިރިއުޅުމާއި މުޖްތަމައުގައި އުޅޭއިރު އަމަލުކުރަންޖެހޭ ގޮތްތަކާއި ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލީޑަރޝިޕްގެ ބައިތައް އުނގަންނައިދީފައިވެއެވެ.

laamaseelu zuvaana 5

މީގެއިތުރުން ދީނީ ކަންތައްތަކަށް ފަރުވާތެރިވެ ސަމާލުކަންދިނުމާއި ހޭލުންތެރިކަން އިތުރުކޮށް އަމިއްލަ ނަފްސަށްކުރާ އިތުބާރު ބޮޑުކުރުމަށް ކުރެވޭނެ ކަންކަން ދަސްކޮށްދީފައިވެއެވެ. އަދި ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް ކުރިއަށްދާނެ ގޮތްތައް ދަސްކޮށްދީ ތަފާތު ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސް ބައިވެރިންނަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދީފައިވެއެވެ.

 
feevah

ކުށްމަދު އަމާން މާހައުލެއް ގާއިމު ކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމާ އަދި ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. ފީވަކު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ރަށުތެރޭގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ކުށުގެ ވެށީގައި ދިރިއުޅޭ ފަރާތްތައް އެކަމުން ދުރުހެލިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

އަދި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ފަރާތްތަކާ މެދު ސަމާލުވެ އެކަމުން ރައްކާތެރިވެތިބުމާއި ވައްކަމާއި ފޭރުން ފަދަ ކުށްތައް ކުރަމުން އަންނަ ފަރާތްތަކަށް ފުރުސަތު ނުދީ ހޭލުންތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މިފަދަ އެއްވެސް ކަމެއް އެއްވެސް މީހެއްގެ ފަރާތުން ފެނިއްޖެނަމަ އަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މި ޕްރޮގްރާމްގެ ތެރެއިން މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ފީވަކުގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

 

ކުށްމަދު ކުރުމަށް ވެލިދޫގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަރިޔަމް އަޒްލިފާ
ވެލިދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން --ފައިލު ފޮޓޯ
ވެލިދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން --ފައިލު ފޮޓޯ

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ. ވެލިދުއަކީ ކުށްމަދު އަމާން ރަށެއްގެ ގޮތުގައި ބޭއްވުމަށް ވެލިދޫ ޕޮލިސް ސްޓޭޝަނުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން މި ހިނގާ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، އެރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި ހުންނަޖެހޭ އަހަރީ ފީ އާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައި ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވެފައިވެއެ. އަދި  އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ދުއްވާ އުޅަނދު ތަކެއްތޯ ބަލައި ފާސްކޮށްފައިވެއެވެ. އަދި ވެލިދޫގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ދަފްތަރެއް އެކުލައިވައިލުމުގެ މަސައްކަތްކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން މި ހިނގާ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ކުށްތަކަށް މަގުފަހިވާ ގޮތަށް އެރަށުގައި ހުރި ފަޅުގެ ތަކާއި ހުސްބިންތަކާއި ވަލުތެރެއާއި ރަށުތެރޭގައި ގުރޫޕު ހަދައިގެން މީހުން އެއްވެ އުޅޭ ސަރަޙައްދުތައް ބަލައި ފާސްކޮށްފައިވެއެވެ. އަދި މި އޮޕަރޭޝަނުގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއެކު 33 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވެއެވެ.

މީގެ އިތުރުން މަނަދޫގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް މަނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފައިވެއެވެ.

 

ha. atoll traffic mon.....

ހއ. އަތޮޅު ތަޢުލީމީ މަރުކަޒާއި ހއ. ކެލާ ޝައިޙް އިބްރާހީމް ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށް ކެލާ ޕޮލިސް ސްޓޭޝަނާއި ހޯރަފުށި ޕޮލިސް ސްޓޭަޝަނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި ޓްރެފިކް މޮނީޓަރސްގެ ދެ ޕްރޮގްރާމު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

ވަކިވަކިން ދެ ރަށުގައި ކުރިއަށް ގެންދިޔަ މި ދެ ޕްރޮގްރާމަކީ މި ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ހއ. އަތޮޅު ތަޢުލީމީ މަރުކަޒާއި ހއ. ކެލާ ޝައިޙް އިބްރާހީމް ސްކޫލުގެ ގްރޭޑް 7،6 އަދި 8 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ދެ ޕްރޮގްރާމެކެވެ.

މި ދެ ޕްރޮގްރާމު ނިންމާލުމުގެ ގޮތުން ބޭއްވި ހާއްސަ ދެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއެވެ. މި ދެ ރަސްމިއްޔާތުގައި، ޓްރެފިކް މޮނީޓަރސް ޕްރޮގްރާމުތައް ފުރިހަމަ ކުރި ދަރިވަރުންނަށް ބެޖާއި ޓްރެފިކް ވެސްޓް ހަވާލު ކުރުމުގެ އިތުރުުން ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ.

ha. atoll traffic monitors....

މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ ސްކޫލުތަކުގައި ކުރިއަށް ގެންދާ ޓްރެފިކް މޮނީޓަރިންގ ޕްރޮގްރާމުގެ ތެރެއިން ހއ.އަތޮޅު ތަޢުލީމީ މަރުކަޒާއި ކެލާ ޝައިޙް އިބްރާހީމް ސްކޫލުގައި ކުރިއަށް ގެންދިޔަ ދެ ޕްރޮގްރާމުގައި މަގުމަތީގެ އަދަބުތަކާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި، ރީތި ބަހުން މުޢާމަލާތު ކުރާނެ ގޮތްތަކުގެ އިތުރުން ދަރިވަރުންގެ އުމުރާ ގުޅޭގޮތުން ސެލްފް ޑިފެންސް ކުލާސްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި ދެ ޕްރޮގްރާމުގައި މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން ދެ ސްކޫލުގެ ބެލެނިވެރިންނާއި ޓީޗަރުންނަށް  ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ha

މި ތަމްރީނު ދެ ޕްރޮގްރާމުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމު ހާޞިލުކުރަމުންދާ 35 ދަރިވަރުންނާއި ޝައިޙް އިބްރާހީމް ސްކޫލުގައި ތަޢުލީމު ހާސިލު ކުރަމުންދާ 34 ދަރިވަރުން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގައި ކިޔަވައިދީފައިވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.

ވަކިވަކިން ދެ ވަގުތެއްގައި ކުރިއަށް ގެންދިޔަ ދެ ރަސްމިއްޔާތުގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީނާއި މާފަންނު ޕޮލިސް ސްޓޭޝަނުގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސައީދާއި، އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ފާއިޒްގެ އިތުރުން ހއ. އަތޮޅުގެ ކޮމާންޑަރާއި، ރަށު ކައުންސިލްގެ ރައީސާއި ސްކޫލްގެ ޕްރިންސިޕަލާއި ދަރިވަރުންގެ ބެލެނިވެރިންނާއި ދަރިވަރުން ބައިވެރިވެފައިވެއެވެ.

 
police-2124

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ.މަކުނުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަކުނުދުއަށް  އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ހދ. ކުޅުދުއްފުށިން ފުރައިގެން މަކުނުދުއަށް ދަތުރުކުރާ ފެރީއެއްގައި މަސްތުވާތަކެތި ގެންދާކަމަށް މަކުނުދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖަނަވަރީ 25 ވަނަ ދުވަހުގެ 16:43 ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދާފައިވަނީ އެފެރީން މަކުނުދޫއަށް ގެނައި ފޮށިގަނޑެއް އަރުވައިގެން ދިޔަ ރަށު ޕިކަޕެއް ހުއްޓުވައި، ބަލައިފާސްކުރިއިރު އެފޮށިގަނޑުގެ ތެރެއިންނެވެ.

އެފޮށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިިން ރަބަރު ޕެކެޓް ފެނިފައިވެއެވެ. މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

މިމައްސަލަ  ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 
viber_image_2020-01-26_08-18-17

ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުުލުހުން އެރަށު ސްކޫލުގެ ޓްރެފިކް މޮނިޓަރުންނަށް ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު މިލަންދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރު ޤާނޫނާއި ޤަވާއިދުތަކާއި ޓްރެފިކް މޮނިޓަރުން މަގުމަތީ ހަރަކާތްތެރިވާއިރު ދިމާވާ މައްސަލަތައް އޮޅުންފިލުވައި އެމައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

އަދި ޓްރެފިކް މޮނިޓަރުން މަގުމަތީ ހަރަކާތްތެރިވާއިރު ބޭނުންކުރާ ހަރަކާތްތައް ހަނދާންހުރިތޯ ބެލުމަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ފިޒިކަލް ޓްރެއިނިންގ ސެޝަނަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޕްރޮގްރާމުގައި، އެސްކޫލުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންގެ ތެރެއިން ޓްެރެފިކް މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ 23 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެދަރިވަރުން ދަނީ ސްކޫލު ފެށޭގަޑިތަކުގަ އާއި ސްކޫލު ނިމޭގަޑިތަކުގައި އެސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި އެހީތެރި ވަމުންނެވެ.